ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީން ގާނޫނީ އެހީ ފޯރުކޮށްދެނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ގާނޫނީ އެހީ ފޯރުކޮށްދޭން ވަނީ ހުޅުވާލާފައި --

ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ގާނޫނާ ޚިލާފަށް ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް އެ ކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ, އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން އެގޮތަށް ނިންމީ ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށް ޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޑީޕީން ވަނީ ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރާ ނުވަތަ ސިޔާސީ ސަބަބުތަކަށް ޓަކައި ފިޔަވަޅު އަޅާ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ވަޒީފާއާގުޅޭ އެންމެހާ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޮނުވައި ދޭން އެދިފައެވެ.

މި ފަހުން އެމްޑީޕީން ވަނީ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާގައި ތިބި މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ބުނެ މި ސަރުކާރުން ރިޔާސީ އިންތިޚާބު ތެރޭ ވީ ވައުދާ ޚިލާފުވެފައިވާކަމަށް ބުނެފައެވެ.

އަދި ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ މުވައްޒަފުންނެއް ވަކިކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވުން ފާޅުކުރިއެވެ.

އެގޮތުން ދައުލަތުގެ ޚަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން އައްޔަނުކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.

އަދި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން މަގާމުތައް މަދުކުރުމާއެކު ސަރުކާރުން ބޭކާރު ގޮތުގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް