ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާގައި ތިބި މުވައްޒަފުން ވަކި ނުކުރާނެ ކަމަށް ބުނެ މި ސަރުކާރުން ރިޔާސީ އިންތިޚާބު ތެރޭ ވީ ވައުދާ ޚިލާފުވެ، ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ މުވައްޒަފުންނެއް ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން އެފަދައިން ބުނީ ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރާއްޖޭގެ އިގްތިސޯދު މެނޭޖުކުރަން ނޭނގުމުގެ ސަބަބުން މިހާރު ގައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ޚަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް އަދިވެސް މީހުން އައްޔަނުކުރަމުންދާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ، ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން ވަކިނުކުރައްވާނެ ކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގަތް ކަމަށެވެ. ނަމަވެސް އިންތިޚާބުތައް ނިމުމާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ މުވައްޒަފުންނެއް ވަކިކުރަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރިއެވެ.
މިކަން މި ހިނގަނީ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ ޕީއެންސީ ކޯލިޝަން ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށްކަން ފާހަގަކުރެވޭ، އެމްޑީޕީ
ހަމައެއާއެކު ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް އެ ޕާޓީން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ޕާޓީން ދިނެވެ.
އަދި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ޚަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފެށުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން މަގާމުތައް މަދުކުރުމާއެކު ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.
އެމްޑީޕީގެ ލީޑަޝިޕުން މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ހާމަނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ވެސް ކުއްލި މައްސަލަތައް ވެސް ހުށަހަޅާފައިވެއެވެ.
ހަމައެއާއެކު ޚަރަދުކުޑަކުރުމުގެ ގޮތުން އެންމެ އާދައިގެ ވަޒީފާތަކުން މީހުން ވަކިކުރާތީ އެކަމުގެ ނުރުހުން އެ ޕާޓީން ވަނީ މީގެ ކުރިން ވެސް ފާޅުކޮށްފައެވެ.