ޖަޕާނުގައި ދަނޑުވެރިކަން ކިޔަވަން ސްކޮލާޝިޕް ފުރުސަތަށް ހުޅުވާލައިފި

ދަނޑަކަށް މީހަކު ފެން ޖަހަނީ: ޖަޕާނުގައި ދަނޑުވެރިކަން ކިޔަވަން ސްކޮލާޝިޕް ފުރުސަތަށް ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޖަޕާނުގައި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލާޝިޕް ފުރުސަތުތަކަކަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ ސްކޮލާޝިޕް ފުރުސަތު ހުޅުވާލާފައި ވަނީ ޖަޕާން އިންޓަނޭޝަނަލް ކޯޕްރޭޝަން އޭޖެންސީ (ޖައިކާ)ގެ އެގްރިކަލްޗާ ސްޓަޑީޒް ނެޓްވޯކް ފޯ ފުޑް އެންޑް ސެކުރިޓީ 2025ގެ ދަށުންނެވެ.

އެ ފުރުސަތަކީ މާސްޓާސް ޑިގްރީ އާއި ޕީއެޗްޑީ ހާސިލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

އެ ސްކޮލާޝިޕްގެ ދަށުން މާސްޓާސް ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާޞިލުކޮއްފައިވުމާއި އަންނަ އަހަރުގެ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް 35 ފުރިފައި ނުވުން ހިމެނެއެވެ.

ޕީއެޗްޑީ ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި، ކޯހާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީ ހާޞިލުކޮއްފައިވުމާއި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އުމުރުން 40 ފުރިފައި ނުވުން ހިމެނެއެވެ.

ޖައިކާގެ އެ ސްކޮލަޝިޕަށް ހުޅަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ، މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ކޮޕީ، މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ އަދި ޖައިކާ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހިމެނެއެވެ.

އެ ސްކޮލާޝިޕަށް ހުޅަހެޅުމުގެ ސުންގަނޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ 13:30އެވެ.

އެ ސްކޮލާޝިޕްގެ ދަށުން ތައުލީމު ހާސިލުކުރަން ދެވޭ ޔުނިވާސިޓީތަކުގެ ތަފުސީލާއި އެޕްލިކޭޝަން ފޯމް ގެޒެޓުގައި އާންމުކޮށްފައިވެއެވެ. އަދި އިތުރު މަޢުލުމާތު 1474އަށް ގުޅުމުން ނުވަތަ މިނިސްޓްރީއަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ހަޔާ މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް