ނޫ އުރަހަ ކަންނެއްޔެއް 1.3 މިލިއަން ޑޮލަރަށް ވިކިއްޖެ

ޖަޕާނުގައި 1.3 މިލިއަން ޑޮލަރަށް ވިކުނު ނޫ އުރަހަ ކަންނެލި -- ފޮޓޯ/ރޮއިޓާސް

މޮޓޯ ސައިކަލެއްގެ ސައިޒާއި ބަރުދަނާ އެއްވަރުގެ ނޫ އުރަހަ ކަންނެއްޔެއް ޖަޕާނުގެ ވެރިރަށް ޓޯކިޔޯގެ ސުޝީ ރެސްޓޯރެންޓަކުން 207 މިލިއަން ޔެން (1.3 މިލިއަން ޑޮލަރު) އަށް ނީލަމެއްގައި ގަނެފިއެވެ.

މިއީ ޓޯކިޔޯގައި ޓޮޔޯސޫ މަސް މާރުކޭޓުގައި ކޮންމެ އަހަރަކު ބާއްވާ އާ އަހަރުގެ ބީލަމުގައި މިހާތަނަށް ދެވަނައަށް އެންމެ ބޮޑު އަގުގައި ވިއްކި މަހެވެ.

ނީލަން ކާމިޔާބުކުރި އޮނޮޑެރާ ގްރޫޕުން ބުނީ، 276 ކިލޯ (608 ޕައުންޑް) ބަރުދަނުގައި ހުންނަ އެ މަހުގެ ކެއުންތައް އެ ކުންފުނީގެ މިޝެލިން ސްޓާ ލިބިފައިވާ ގިންޒާ އޮނޮޑެރާ ރެސްޓޯރެންޓްތަކުގެ އިތުރުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި ހުންނަ ނަޑަމަން ރެސްޓޯރެންޓުތަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

"ފުރަތަމަ ލިބޭ ކަންނެއްޔަކީ ނަސީބު ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައި އޮންނަނީ ބެލެވިފައި،" ނީލަމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އޮނޮޑެރާގެ އޮފިޝަލް ޝިންޖީ ނަގާއޯ ވިދާޅުވިއެވެ.

މި ނީލަމުގައި މިއީ އެ ކުންފުނިން އެންމެ ބޮޑު އަގު ހުށަހަޅައިގެން ޖެހިޖެހިގެން ފަސްވަނަ އަހަރު ނީލަން ކާމިޔާބުކުރި އަހަރެވެ. މިދިޔަ އަހަރު އެ މީހުން ކަންނެލި ގަތީ 114 މިލިއަން ޔެންއަށެވެ.

މިގޮތަށް މަސް ވިއްކުމުގެ ރިކޯޑް 1999 ވަނަ އަހަރު ބަލަހައްޓަން ފެށި ފަހުން އެންމެ ބޮޑު އަގަކަށް ކަންނެއްޔެއް ވިކުނީ 2019 ވަނަ އަހަރެވެ. އެ ފަހަރު 278 ކިލޯގެ ނޫ އުރަހަ ކަންނެއްޔެއް 333.6 މިލިއަން ޔެންއަށް ވަނީ ވިކިފައެވެ.

އޭގެ ކުރިން 1935 ވަނަ އަހަރު ހުޅުވި ޓޮޔޯސޫ މަސް މާރުކޭޓަކީ ދުނިޔޭގެ އެންމެ ބޮޑު މަސްމާރުކޭޓުގެ ގޮތުގައި އޮންނަނީ ބެލެވިފައެވެ. އެ މާރުކޭޓުގައި ދުވަސް ފަށަނީ ވެސް މަހުގެ ބާވަތްތަކުގެ ބޮޑެތި ނީލަންތަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް