ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށް ފޮނުއްވަވައެވެ.
އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހުތިރާމާއި އިތުބާރުގެ މައްޗަށް ކަމަށެވެ. އަދި ދެ ގައުމުން ވެސް ހިއްސާކުރާ ތާރީޚަކީ އިސްކަންދޭ ހަމަތަކެއްކަން ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް އަޚްވަންތަކަމުގެ ގާތްގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެ ކުރިއަރައިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ރައީސްގެ އެ މެސެޖުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނަށާއި ވަލީއަހުދަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް ވަނީ އެދިވަޑައިގެންފައެވެ.
ސައުދީ އަރަބިއްޔާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ވެސް ގާއިމުކޮށްފައިވާ ގައުމެކެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް, ތަރައްގީ ކުރުމުގެ މަޝްރޫއަށާއި ރާއްޖޭގެ ސިއްހި ދާއިރާ ކުރިއެރުވުމަށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވެސް މިއަހަރު ދީފައިވެއެވެ.