ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގާއިމުކޮށްފައިވާ އެކްސްކްލޫސިވް ޕާޓްނާޝީޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ޚިދުމަތް ދޭތާ 20 އަހަރުން ފުރުން ފާހަގަކުރަން ތަފާތު ހަރަކާތްތަކެއް ބާއްވަން ފަށައިފިއެވެ.
މި ހަރަކާތްތައް މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓަކުން ފަށާފައިވާއިރު، މިއަދު ވަނީ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ބީއެމްއެލްއިން ވަނީ ހުޅުވާލާފައެވެ.
ބީއެމްއެލް އިން ބުނީ، ކާޑު މެންބަރުންނަށް މި ޕްރޮމޯޝަންގެ ދަށުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރި ކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓްސް ހޯދަން ގުރުއަތެއްގައި ބައިވެރިވެވޭނެ ކަމަށެވެ.
އެގޮތުން، ފްލައިޓާއި ކާރާއި ހޮޓެލްތައް ބުކް ކުރުމަށާއި ރާއްޖޭގެ ވިޔަފާރިތަކުންނާއި އެމެޒޯންއާއި އެޕަލްއާއި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މާޗަންޓްތަކުން ގިފްޓު ކާޑު ގަތުމަށް ބީއެމްއެލް ރިވޯޑްސް ބޭނުން ކުރެވެނޭއެވެ.

ބީއެމްއެލް: އެމެރިކަން އެކްސްޕްރެސްއާއި ބީއެމްއެލްގެ 20 އަހަރުގެ ގުޅުން ފާހަގަކުރަން ޕްރޮމޯޝަނެއް --- ސަން ފައިލް ފޮޓޯ
މިކަމާ ގުޅުވައި ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކް އެކްސްޕްރެސްގެ ކްރެޑިޓް ކާޑު ތައާރަފްކޮށް، ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ތައާރަފް ކުރެވުމަކީ ބީއެމްއެލަށް ލިބުނު ފަޚުރެއް ކަމަށެވެ.
މީގެއިތުރުން، މިއަދު އެ ޕާޓްނާޝިޕަށް 20 އަހަރުވެފައިވާކަން ފާހަގަކުރައްވައި ނިމާލް ވިދާޅުވީ، އެމެރިކަން އެކްސްޕްރެސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރު ކުރާ ބްރޭންޑެއް ކަމަށެވެ.
އެމެރިކަން އެކްސްޕްރެސް އިން އަބަދުވެސް އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ޚާއްސަ އޮފާތައް ފޯރުކޮށްދޭ. އަޅުގަނޑުމެން މި ފަހުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑުވެފައި ވަނީ އެކާޑުން ލިބޭ ޚާއްސަ ފައިދާތަކާއެކު، ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޑަކްޓަކަށްބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް
ފާހަގަކޮށްލްވޭ ގޮތުގައި، ބީއެމްއެލްއަކީ 345،000 އަށްވުރެ ގިނަ ކަސްޓަމަރުންނާއެކު، ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކޮށް، ކާޑުގެ ޚިދުމަތްތައް ބަލައިގަންނަމުން އަންނަ ބޭންކެވެ.