ކާމިޔާބު ފިލްމުތަކެއް ސިނަމާތަކަށް ގެނެސްދީފައިވާ އިންޑިއާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރުންގެތެރޭ ހިމެނޭ ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެބް ސީރީސްއަކަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކަރަންގެ ކެރިއަރުގައި އަލަށް ޑައިރެކްޓްކުރާ މި ވެބް ސީރީސް އުފައްދަން ނިންމާފައި ވަނީ ނެޓްފްލިކްސްއަށެވެ. މި ވެބް ސީރީސްއަކީ ފިލްމީ ބަތަލާއިންގެ ދިގު ލިސްޓެއް އޮތް ވެބް ސީރީސްއެއް ކަމަށާއި މި ސީރީސްގެ ސްކްރިޕްޓް ވެސް ލިޔެ ނިމިފައިވާ ކަމަށް ކަރަންގެ ޓީމުން ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.
ޑިޖިޓަލް ދުނިޔެއަށް ތައާރަފްވުމަށް ކަރަން ތައްޔާރުވަމުން އަންނައިރު ކަރަންގެ ދަރުމާ ކުންފުނީގެ ގޮފި ކަމަށްވާ ދަރުމެޓިކް އެންޓަޓެއިންމަންޓުން ވަނީ ވަރަށް ގިނަ ޑިޖިޓަލް ކޮންޓެންޓުތައް އުފައްދާފައެވެ.
އޭގެތެރޭގައި ބަތަލާ މަދޫރީ ޑިކްސިޓް ލިޑް ރޯލް ކުޅުނު ސީރީސް "ދަ ފޭން ގޭމް"، ނެޓްފްލިކްސްއިން ގެނެސްދިން ރިއަލިޓީ ސެލެބްރިޓީ ޝޯ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ހިމެނެއެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކުރި ފިލްމު "މައި ނޭމް އިޒް ޚާން"ގޭ ލީޑް ތަރިންނާއެކު--ފޮޓޯ/ޕިންކްވިލާ
އަންނަ އަހަރު ކަރަންގެ އާ ވެބް ސީރީސްގެ މަސައްކަތް ފަށަން ތާވަލުކުރެވިފައިވާއިރު ބެލުންތެރިންނާ ހަމައަށް މި ވެބް ސީރީސް ގެނެސްދެވޭނީ 2026 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކަރަންގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް ޑައިރެކްޓްކުރުމަށް ނިންމާފައިވާއިރު ދެން އެންމެ އަވަހަށް ފަށަން ނިންމާފައި ވަނީ އެކްޝަން ފިލްމެއްގެ މަސައްކަތެވެ.
އާއިލީ ފިލްމުތަކުގެ އިތުރުން ލޯބީގެ ރީތި ފިލްމުތައް ސިނަމާތަކަށް ގެނެސްދިނުމަށްފަހު މިހާރު ޝައުގުވެރިކަން ހުރީ އެކްޝަން ފިލްމުތައް ޑައިރެކްޓް ކުރުމަށް ކަމަށް ކަރަން ވަނީ ބުނެފައެވެ.
ކަރަން ވެބް ސީރީސްއެއް އުފައްދަން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ވެސް ވަނީ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް ނެޓްފްލިކްސްއާ ގުޅިގެން އުފައްދާފައެވެ. ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު މި ވެބް ސީރީސްގެ ދެވަނަ ސީޒަންއެއް ވެސް އުފައްދަން ވަނީ ނިންމާފައެވެ.