އިންގްލިޝް ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވޭތުވެދިޔަ ދެ ސީޒަންގައިވެސް ސިޓީއާ އެންމެ ބޮޑަށް ވާދަކުރި އާސެނަލްގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި މެޗު ސީޓީއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން ސިޓިއިން ވަނީ މެޗުގެ ނުވަ ވަނަ މިނެޓުގައި މި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާލިން ހާލަންޑްއެވެ. މިއީ އޭނާ ސިޓީއަށް ކުޅެމުންދިޔަ 104 ވަނަ މެޗުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.
މި ލަނޑާއެކު ސިޓީއިން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވުނު ނަމަވެސް ދެން ފެނިގެންދިޔައީ އާސެނަލްއިން މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ ސިޓީއަށް ނުރައްކާ ކުރަން ފެށިތަނެވެ. އަދި ސިޓީގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރާ އެއް ކުޅުންތެރިޔާ ކަމަށްވާ ކެވިން ޑި ބްރުއިނާއަށް މި މެޗުގައި ނުކުޅެވުނުއިރު މެޗުގެ 21 ވަނަ މިނެޓްގައި ރޮޑްރީއަށް އަނިޔާވެ ބާލަން ޖެހުމުން އެކަމުގެ އަސަރު ސިޓީގެ ކުޅުމުން ފާހަގަވާން ފެށިއެވެ.
މި މެޗުގެ ނަތީޖާ އާސެނަލްއިން އެއްވަރު ކޮށްފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައި އާސެނަލް އާ މިސީޒަންގައި ގުޅުނު ޑިފެންޑާ ރިކާޑޯ ކަލަފިއޯރީ ވަރަށް ބަލާލާފައި ފޮނުވާލި ހަމަލާއަކުންނެވެ. މި އާއެކު ދެޓީމުން ވެސް ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަން ފެނިގެންދިޔައެވެ. އަދި މިގޮތުން ފުރަތަމަ ހާފުގެ އިތުުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އާސެނަލްއަށް ލިބިގެންދިޔަ ކޯނަރަކުން އެ ޓީމުން މި މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއެލް މަގަލާއެސްއެވެ. މިދިޔަ ހަފުތާގައި ޓޮޓްނަމް ހޮޓްސްޕާ އާއި ދެކޮޅަށްވެސް ގެބްރިއެލް ވަނީ މިގޮތަށް ކޯނަރަކުން ލަނޑު ޖަހައިފައެވެ.
މި ލަނޑާއެކު އާސެނަލްއިން ހަމަޖެހިލި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑް ރެފްރީ ކަށިގަނޑު ފުމުން ފަހުން ބޯޅައިގައި ޖަހާފައިވުމާ ގުޅިގެން ވަގުތު ގެއްލުވާލިކަމަށް ބަލާ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިތަން ފެނިގެންދިޔައެވެ.
މި މެޗުގެ ދެވަނަ ހާފަަށް އާސެނަލް ނިކުތީ ލިބިފައިވި ލީޑު ދިފާއުކޮށް މެޗުން މޮޅުވުމަށެވެ. އަދި ސިޓީއިން ނިކުތީ ލިބިފައިވި އެއް ކުޅުންތެރިއެއް އިތުރު ވުމުގެ ފައިދާ ނަގާ މެޗުން ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާށެވެ. ނަމަވެސް އާސެނަލްގެ ހުރިހާ ކުޅުންތެރިން ޑިފެންސަށް ފައިބާ ހިތްވަރާއެކު ސިޓީގެ ހަމަލާތަށް ދިފާއުކުރުމަށް ކުރި މަސައްކަތް ދިޔައީ ކާމިޔާބު ވަމުންނެވެ. އަދި މިހާފުގައި އާސެނަލްއިން މެޗު ލަސް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިތަންވެސް ފެނިގެންދިޔައެވެ. އަދި މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތު ދެއްކުމާއެކު މި މެޗުން ސިޓީއަށް ނަތީޖާއެއް ނުނެރެވިދާނެކަމަށް ބެލެވެން ފެށިއެވެ. ނަމަވެސް އެ ޓީމުން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުމުގެ ނަތީޖާ އަަކަށް ވެގެންދިޔައީ އިތުރު ވަގުތުގެ އަށް ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ޖޯން ސްޓޯންސް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ސިޓީއަށް ހަމަހަމަ ކޮށްދިނުމެވެ.
މި މެޗު އެއްވަރު ވުމާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވި 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި އާސެނަލް އުޅެނީ 11 ޕޮއިންޓާއެކު ތާވަލްގެ 4 ވަނައިގައެވެ.
މީގެ އިތުރުން ވިމެންސް ސުޕާ ލީގުގައި އާސެނަލް ވިމެން އާއި މެންޗެސްޓާ ސިޓީ ވިމެން ބައްދަލުކުރި މެޗުވެސް ނިމިފައިވަނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗަކީ ވިމެންސް ސުޕާ ލީގުގެ އާ ސީޒަނުގައި މި ދެ ޓީމުވެސް ވާދަކުރި ފުރަތަމަ މެޗެވެ.