އާސެނަލްއިން ލިވަޕޫލާ ގާތަށް

އާސެނަލްގެ ބްރެޒިލް ފޯވަޑް ގެބްރިއެލް ޖެސުސް -- ފޮޓޯ/ ގެޓީ

އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކޮށް ތާވަލްގެ އެއް ވަނައިގައި އުޅޭ ލިވަޕޫލްއާ ގާތަށް ޖެހިލައިފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ ފަސް ލަނޑު އެއް ލަނޑުންނެވެ.

އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މިގޮތުން މެޗުގެ ފުރަތަމަ ލަނޑު މެޗު ހަ ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައިވަނީ އާސެނަލް އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއެލް ޖޭސުސްއެވެ. މިއީ ވޭތުވެދިޔަ 11 މަހެއްހާ ދުވަހުގެ ތެރޭގައި ޖޭސުސް ޕްރިމިއާ ލިގުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގައި ޕެލަސްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދީފައިވަނީ އިސްމާއިލާ ސާއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ޖޭސުސް ވަނީ އަނެއްކާވެސް އާސެނަލްއަށް މި މެޗުގައި ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ޖޭސުސްއަށް ހަފުތާގެ ތެރޭގައި ދެވަނަ ހެޓްރިކް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އަދި ދަނޑީގައި ޖެހިފާ ނިކުން ބޯޅަ ގޯލްތެރެއަށް ވައްދާލާ ކައި ހަވާޓްޒް ވަނީ އާސެނަލްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ވަނީ އިތުރު ލަނޑު ޖަހުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. މިހާފުގެ ކުރީކޮޅު އާސެނަލްގެ ބުކާޔޯ ސާކާއަށް އަނިޔާވެގެން ވަނީ ބާލާފައެވެ.

މި މެޗުގައި އާސެނަލްގެ ހަތަރު ވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އަދި ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެކްލަން ރައިސްއެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިހާރު ވަނީ ކުޅުނު 17 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. ނަމަވެސް ލިވަޕޫލް އަދި ނުކުޅެ ދެ މެޗު އެބައޮތެވެ. މި ދެ މެޗު އެ ޓީމަށް ކާމިޔާބު ކުރެވިއްޖެނަމަ ލިވަޕޫލްގެ ލީޑު އަނެއްކާވެސް އިތުރު ވެގެންދާނެއެވެ.

މި މެޗުން ބަލިވުމުން ޕެލަސް އުޅެނީ 16 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. މި މުބާރާތުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި މެޓްސް ވީފާ ކާމިޔާބުކޮށް ބްރައިޓަންއަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަތް މިނެޓް ފަހުން މުހަންމަދު ކުޑޫސް ވަނީ ވެސްޓް ހޭމްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗު އެއްވަރު ވުމުން ބްރައިޓަން މިހާރު އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައެވެ. އަދި ވެސްޓް ހޭމް އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.

comment ކޮމެންޓް