ފިލްމީ ތަރި ކަންގަނާ ދާދިފަހުން ވަނީ އަމިއްލަ މިލްކިއްޔާތުގައި ހުރި މުދަލުގެތެރެއިން މުމްބާއީގައި ހުރި ޕްރޮޕަޓީއެއް ނީލަމުގައި ވިއްކާލާފައެވެ.
މީގެކުރިން ވެސް މި ޕްރޮޕަޓީ ވިއްކާލުމަށް ބޭނުންވި ނަމަވެސް އަވަސް އަރުވާލައިގެން ވިއްކާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި މަހުގެ ހަ ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ކަންގަނާގެ ފިލްމު "އިމަޖެންސީ" ރިލީޒްކުރުމަށް ހުރަސްތަކެއް ދިމާވުމާ ގުޅިގެން ކަންގަނާ ނިންމީ ވީހާވެސް އަވަހަކަށް މުމްބާއީގައި ހުރި އަމިއްލަ ޕްރޮޕަޓީ ވިއްކާލުމަށެވެ.
ފިލްމު ރިލީޒްކުރުމުގައި ދިމާވި ހުރަސްތަކާ ގުޅިގެން ކަންގަނާއަށް ފައިސާގެ ދަތިކަން ކުރިމަތިވެ މުމްބާއީގައި ދިރިއުޅު އޮފީސް މަސައްކަތްތަކަށް ބޭނުންކުރި އެ އިމާރާތް ވިއްކާލަން މަޖުބޫރުވީ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ކަންގަނާ 2017 ވަނަ އަހަރު ގަނެފައިވާ މި ޕްރޮޕަޓީގެ އަގަކީ 20.7 ކްރޯޑު ރުޕީސްއެވެ. މި ގެ ބަތަލާ ވިއްކާލާފައި ވަނީ 32 ކްރޯޑު ރުޕީސްއަށެވެ.
ކުރިންވެސް ރިލީޒްކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަންގަނާގެ ސިޔާސީ ޑްރާމް ފިލްމު "އިމަޖެންސީ" ރިލީޒްކުރުމުގެ ހުރިހާ ތައްޔާރީތައް ނިމިފައި ވަނިކޮށް ފިލްމު ސިނަމާތަކަށް ގެނައުމުގެ މަރުހަލާ ހުއްޓުމަކަށް އައީ ސެންސަރު ބޯޑުން ސެންސަރު ސެޓްފިކެޓު ދޫކުރުން ލަސްވުމާ ގުޅިގެންނެވެ.
ކަންގަނާ ލިޔެ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި އިންޑިއާގެ ބައެއް ކޮމިއުނިޓީތަކަށް ކުޑައިމީސްވާގޮތަށް މަންޒަރުތައް ހިމަނާފައިވާތީ އެކި ޖަމާޢަތްތަކުން ވަނީ ކަންގަނާގެ ޓީމު ކޯޓަށް ހާޒިރުކުރުމަށް ވެސް ގޮވާލާފައެވެ. މި ކޮމިއުނިޓީތަކަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ފިލްމުގައި ހިމަނާފައިވާ އެފަދަ މަންޒަރުތަކާއި ޑައިލޮގްތައް ކަނޑާލުމަށް އިންޑިއާގެ ސެންސަރު ބޯޑަށް ގޮވާލާފައެވެ.
މިހާރު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބަތަލާ ބުނެފައި ވަނީ ސިނަމާތަކުގައި ދައްކާ ފިލްމުތަކަށް ވުރެ ބޮޑަށް ސެންސަރު ބޯޑުން ބަލަންވީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދައްކާ ފިލްމުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
މީގެކުރިން ވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށް ބުނެ ސެންސަރު ބޯޑަށް ބަތަލާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މީގެއިތުރުން ކަންގަނާއަށް ދިމާވި ދަތި އުނދަގޫ ވަގުތުގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ހިމޭނުންތިބެ ބަތަލާގެ ދިފާއުގައި ނުނިކުތުމުން އެކަމާ ވެސް ކަންގަނާ ވަނީ ވަރަށް ބޮޑަށް އިންޑަސްޓްރީގެ ތަރިންނަށް ފާޑުކިޔާފައެވެ.