އާލިއާ ދެން ބޭނުންވަނީ ލޯބީގެ ފިލްމެއް ޕްރޮޑިއުސްކުރަން

ބަތަލާ އާލިއާ ބަޓް--ފޮޓޯ/ލޯރިއަލްޕެރިސްޔޫއެސްއޭ

ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޖިގްރާ"ގެ ބަތަލާ އާލިއާ ލޯބީގެ ފިލްމަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނިގޮތުގައި މި ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް އާލިއާއެވެ. އާލިއާ މި ފިލްމުގެ މަސައްކަތް ފަށާނީ ބަތަލާ މިހާރު މަސައްކަތް ފަށާފައިވާ ވައިއާރްއެފްގެ "އަލްފާ" އަދި ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ނިންމުމަށްފަހުއެވެ.

ނެޝަނަލް އެވޯޑު ހޯދާފައިވާ ބަތަލާ އިތުރު ފިލްމެއް ޕްރޮޑިއުސްކުރުމަށް ނިންމާފައި ވަނީ ތަފާތު އެކި ޖޯންރާތަކުގެ ފިލްމުތައް ތަޖުރިބާކުރުމަށް ޝައުގުވެރިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޑިއާ ޒިންދަގީ"ގެ މަންޒަރެއްގައި އާލިއާ އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ކޮއިމޮއި

ޕިންކްވިލާގައި ބުނެފައިވާ ގޮތުން ފިލްމަށް ތައްޔާރުވުމުގެ ގޮތުން އާލިއާ ވަނީ ފިލްމާ ގުޅޭ ސްކްރިޕްޓްތަކެއް ވެސް ކިޔާފައެވެ. އާލިއާ ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް މިހާރު ފިލްމަށް ލިބިފައިވާއިރު މި ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ނިންމާފައި ވަނީ 2022 ވަނަ އަހަރު ބްލޮކްބާސްޓާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ ފަރާތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމަކީ 2026 ވަނަ އަހަރު އާލިއާ މަސައްކަތް ފަށާނެ ފުރަތަމަ ފިލްމު ކަމަށާއި ފިލްމަށް ގެންނާނެ ކާސްޓުން ވަރަށް އަވަހަށް ނިންމާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ޖިގްރާ"އަށް ފަހު އާލިއާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ އަހަރު ފަހުކޮޅު ރިލީޒްކުރާ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ"އިންނެވެ. އާލިއާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްވެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އަދި ބަތަލާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"އިންނެވެ.

comment ކޮމެންޓް