349 ގުރާމުގެ މަސްތުވާތަކެތި އެތެރެކުރި އުމުރުން 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި ޞާދިޤް: 349 ގުރާމުގެ މަސްތުވާތަކެތި އެތެރެކުރި އުމުރުން 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި --- ފޮޓޯ/ ފުލުހުން

ރާއްޖެއަށް 349 ގުރާމުގެ މަސްތުވާތަކެތި އެތެރެކުރި އުމުރުން 65 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ އަތޮޅު ހިތަދޫ، ވެހެތާނުގެ އަބްދުﷲ ޞާދިޤެވެ.

މި މައްސަލައާ ގުޅުވައި މީޑިއާތަކަށް ފުލުހުން ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޞާދިގް ރާއްޖެއަށް އެތެރެ ކުރި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 349 ގުރާމު ހުރި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެއާއެކު، މި މައްސަލާގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ފުލުހުންނާއި ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ.

އެގޮތުން، އިއްޔެ ކަސްޓަމްސް އިން ވަނީ ރާއްޖެއަށް ވައިގެ މަގުން އެތެރެކުރި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

comment ކޮމެންޓް