ތަފާތު އެކި ޖޯންރާގެ ފިލްމުތައް ގެނެސްދީފައިވާ ޕްރޮޑަކްޝަން ކުންފުނި އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް އިން އެންމެ އަވަހަށް ދެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު އިއުލާނުކޮށް ޓީޒަރު އާންމުކޮށްފިއެވެ.
މި ދެ ޕްރޮޑަކްޝަން ކުންފުނިން އެންމެ އަވަހަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "ދޭދަރު ރުއިން" ނަމަކަށް ކިޔާ ފިލްމެކެވެ. ދޭދަރު ރުއިން, މި ފިލްމަކީ ދެ ކުންފުނިން އެކީގައި މަސައްކަތް ކޮށް ނެރުމަށް ހަމަޖެހިފައިވާ އެކްޝަން ތުރިލާ ފިލްމެކެވެ.
އައިފިލްމްސް އާއި ކަޒްމިކް އަށް އެކްޝަން ތުރިލާ އަކީ އާ ޖޯންރާއެއް ނޫނެވެ. އެގޮތުން އައިފިލްމްސް އިން ވަނީ "ނީނާ" ފަދަ ވަރުގަދަ އެކްޝަން ތުރިލާ ރިލީޒްކޮށްފައެވެ. އަދި ކަޒްމިކް އިން ވަނީ "ދަރަކަ" ގެނެސްދީފައެވެ.
ދޭދަރު ރުއިންގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާއިރު ޓީމުން މަސައްކަތް ކުރަނީ މި އަހަރުގެ ތެރޭގައި ފިލްމު ރިލީޒް ކުރާށެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހު 20 ގައި ފިލްމު ރިލީޒް ކުރުމަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.
ދޭދަރު ފިލްމުގައި ލީޑުން ފެންނާނީ މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގައި ލީޑް ރޯލުން އެންމެ ޑިމާންޑު ބޮޑު އެއް ތަރި ކަމަށްވާ ޝަރަފުއްދީން އަބްދުﷲ އެވެ. އެގޮތުން މިއަހަރު މިހާތަނަށް ނެރުނު ތިން ފިލްމަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ. އެއީ "ފުރޭތަ" އާއި "ކަންބަޅި" އަދި "މީ އިޝްގު" އެވެ. ޝަރަފްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުން ދެން ފެނިގެންދާނީ މައިހާ އާދަމް ޒާހިރެވެ. ފިލްމުގެ އިތުރު ރޯލަކުން ނޭޕަލްގެ އެކްޓަރެއް ކަމަށްވާ ސުޝްމާ ސުބޭދީ ވެސް ފެނިގެންދާނެ ކަމަށް ޕްރޮޑަކްޝަނުން ވަނީ ހާމަކޮށްފައެވެ.
މި ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ކުރަނީ އަހްމަދު އައްޒާމް އެވެ. މި ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި މަސައްކަތް ކުރާނީ އައިފިލްމްސްގެ މޮޅެތި ފިލްމުތައް ގެނެސްދިން އިލްޔާސް ވަހީދެވެ. އިލްޔާސް އާއެކު ފިލްމުގެ ޕްރޮޑަކްޝަންގައި އާސިމް އަލީ ވެސް މަސައްކަތް ކުރާނެއެވެ.