މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.
ބޮޑު ބްރޭކަކަށް ފަހު ނަހުލާގެ އާ ފިލްމަކާ އެކު އަންނަން އުޅޭކަން ހާމަކޮށްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެއަށް ފަހު ފޭނުންގެ ކެތްތެރިކަން އޮތީ މިހާރު އިންތިހާއަށް ކުޑަވެފައެވެ.
ފިލްމު އިއުލާނުކުރުމާ އެކު ފިލްމުގެ މަސައްކަތް ނަހުލާއާއި ޓީމުން ވަނީ ފަށާފައެވެ. ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް، އެންމެ ފަހުން މި އޮތީ ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފައެވެ. ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުން ފެނިގެން ދަނީ ދެ ކުޑަކުދިންނެވެ. ޕޯސްޓަރުން ފެންނަ ދެ ކުދިންނަކީ ނަހުލާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވާ ގޮތަށް އޭނަގެ އާއިލީ ދެ ކުއްޖެކެވެ. މިއީ ނަހުލާގެ ސޮރީގެ ރޯލުން ފެންނާނެ ކަމަށް އިއުލާނުކޮށްފައިވާ ދެ ކުދިންނެވެ. މި ފިލްމުން ނަހުލާގެ އެންމެ ހަގު ދަރިފުޅުގެ އިތުރުން އޭނާގެ މާމަ ދަރިފުޅު ވެސް ފެނިގެންދާނެ ކަމަށް މި އަހަރުގެ ކުރީކޮޅުގައި ވަނީ އިއުލާނުކޮށްފައެވެ.
ފިލްމުގެ ފަސްޓްލުކް ޕޯސްޓަރަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމުގެ ތީމު ލަވަ ހެދުމަށެވެ. މި ލަވަ ކިޔާނެ މީހަކު ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ލަވަ ކިޔުމަށް ވަކި ޚާއްސަ ޝަރުތުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން، މި ލަވަ ކިޔާ މީހާގެ އަޑު ޖެހުމާ އެކު މީހުންގެ ހިތުގައި ޖެހޭނެެ ވަރުގެ އަސަރުގަދަ އަޑެއް ބޭނުންވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
އަލަށް ނެރޭ ފިލްމުގެ ވާހަކަ ވަނީ މިިހާރު ނިމިފައެވެ. މި ފިލްމުގެ ކާސްޓު ވަނީ ކުރިން އިއުލާނުކޮށްފައެވެ. މި ފިލްމުގައި ލީޑުން ފެންނާނީ ޔޫސުފް ޝަފީއުއާއި މަރިޔަމް އައްޒަގެ އިތުރުން އާ އެކްޓަރެކެވެ. ނަމަވެސް، އާ އެކްޓަރު އަދި ހާމަކޮށްފައެއް ނުވެއެވެ.
ސޮރީ ވެސް ވެގެން ދާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ވެގެންދާނީ އޭނާގެ ގިނަ ދުވަސްވީ ފޭނުންތަކަށް ބޮޑު ޓްރީޓަކަށެވެ.
ނަހުލާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކިއެވެ.