މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ގެނައި އެކަކު ދޫކޮށްލައިފި

މާރާމާރީގެ ތުހުމަތުގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ގެނައި ތިން މީހުން: އޭގެ ތެރެއިން އަސްވާން މުހައްމަދު ކޯޓުން ވަނީ ދޫކޮށްލާފައި --

މިދިޔަ އަހަރު ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ތިން މީހަކު ރާއްޖެ އައުމުން ހައްޔަރުކުރުމަށް ފަހު، އޭގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ހަތަރެއްގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައެވެ.

އެއީ މުޙައްމަދު އަހްސަމް ، 26އ، އާއި މުޙައްމަދު ސިބްތު އަބްދުﷲ، 19އ އަދި އަސްވާނު މުޙައްމަދު، 28އ އެވެ.

އެ ތިން މީހުންނަށް ވެސް ރެޑް ނޯޓިސް ނެރެފައިވާއިރު ގައުމުން ބޭރުގައި ފިލައިގެން އުޅެނިކޮށް، ތައިލެންޑުން ހައްޔަރުކޮށް ޑީޕޯޓުކުރީ ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުން ހައްޔަރުކުރީ ތައިލެންޑުން ރާއްޖެ ފޮނުވާލުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަހްސަމާއި މުޙައްމަދު ސިބްތު އަބްދުﷲ ޝަރީއަތް ނިމެންދެން ބަންދުކުރިއިރު، އަސްވާން މުހައްމަދު ބަންދު ދޫކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް