އެމެރިކާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އާދިއްތަ ދުވަހު ދިން ހަމަލާ ރާވާފައިވާ ކަމަށް އުމުރުން 58 އަހަރުގެ ރަޔަން ޑަބްލިއު ރޫތުގެ މައްޗަށް ތުހުމަތުކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ ޓްރަމްޕްގެ ގޯލް ކޯސް ސަރަހައްދުން ރައިފަލެއް ހިފައިގެން ފެނުމުން ކަމަށް ފުލުހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
ފޯނު ރެކޯޑްތަކުން ދައްކާ ގޮތުގައި ޝައްކު ކުރެވޭ މީހާ، ލޯޑްކޮށްފައިވާ އެސްކޭއެސް ސެމީ އޮޓޮމެޓިކް ރައިފަލެއް ހިފައިގެން ގަސްތަކުގެ ތެރޭގައި ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން ފިލާ އޮތް ކަމަށް ވަނީ ބެލެވިފައެވެ.
"އެފްބީއައި އިން މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލުމަށް ކުރި މަސައްކަތެއްގެ ގޮތުގައި ބަލައިގެން،" ހޯމަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ އެޓާނީ ފޯ ފްލޮރިޑާގެ ސައުތު ޑިސްޓްރިކްޓް މާކެންޒީ ލަޕޮއިންޓް ވިދާޅުވިއެވެ.
ރޫތު ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ސަރަހައްދުން ފިލައިގެން ދިޔަ ކަމަށް ތުހުމަތުކޮށް އާދީއްތަ ދުވަހުއެވެ.
ޓްރަމްޕަށް ހަމަލާދިން އެ ހާދިސާއާ ގުޅިގެން އެމެރިކާގެ ސިޔާސީ މަސްރަހުގެ އަނިޔާވެރިކަމާމެދު ސުވާލު އުފެދޭ ކަމަށާއި، ޓްރަމްޕް އަވަހާރަކޮށްލަން މީގެ ދެ މަސް ކުރިން ދިން ހަމަލާއަށްފަހު މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕާ އެހާ ގާތަށް ދެވުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ޓްރަމްޕްގެ އަމިއްލަ ޝެޑިއުލް އަކީ އާންމު ކުރާ އެއްޗަކަށް ނުވާއިރު، އޭނާ އެ ދުވަހު ގޯލްފް ކުޅޭނެކަން އެގުނު ގޮތާމެދު ވެސް ސުވާލު އުފެދެއެވެ. ނަމަވެސް ޓްރަމްޕަކީ އަބަދު ވެސް ގޯލްފް ކުޅުއްވާ ބޭފުޅެއް ކަމަށާއި އޭނާ ފްލޮރިޑާގައި ހުންނަ ގެއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކުވެސް ގޯލްފް ކުޅުއްވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.
ކޯޓުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި ރޫތުގެ މައްޗަށް މީގެކުރިންވެސް ވަނީ ދެ ދައުވާއެއް ސާބިތުވެފައެވެ.
ދެހާސް ދެ ވަނަ އަހަރު ރަޖިސްޓްރީ ނުކުރާ ފުލް އޮޓޮމެޓިކް ބަޑިއެއް ގެންގުޅުނު ކަމަށް އޭނާ އިއުތިރާފުވެފައިވާއިރު، ކައުންޓީ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން ބުނި ގޮތުގައި އޭނާއަށް ވަނީ ޕްރޮބޭޝަންގެ ހުކުމެއް އިއްވާފައެވެ.
އަދި 2010 ވަނަ އަހަރު ވަގަށް ނަގާފައިވާ މުދާ ގެންގުޅުމުގެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވެއެވެ.
އެފްބީއައި އިން ރޫތުގެ ގިނަ ސޯޝަލް މީޑިއާ ޕޯސްޓްތައް ބަލަމުން އަންނަ ކަމަށް ބެލެވޭއިރު، އޭނާ އެ ޖަރީމާ ރޭވި ކަމަށް ބުނާ ގޮތާއި ޓްރަމްޕް މަރާލަން ބޭނުންވި ސަބަބާ ބެހޭ ގޮތުން ހޯދަމުންދާ ކަމަށް ބެލެވެއެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ހަވާއީއަށް ބަދަލުވުމުގެ ކުރިން ރޫތު އުމުރުގެ ބޮޑު ބައެއް ހޭދަކުރީ ނޯތު ކެރޮލައިނާގައެވެ.
ދެހާސް ވިހި ވަނަ އަހަރު ބޭއްވި ރީ އިލެކްޝަންގައި ޓްރަމްޕަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ނަމަވެސް ފާއިތުވި އަހަރުތަކުގައި އޭނާގެ ޕޯސްޓްތަކުގައި ވަނީ ރައީސް ޖޯ ބައިޑަން އާއި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކަމަލަ ހެރިސްއަށް ތާއީދުކުރާ ކަމަށް ބުނެފައެވެ.
ޓްރަމްޕަށް މަސައްކަތްކޮށްފައި ވަނީ ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ގޯލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއް ކައިރީ ފިލާ އޮވެއެވެ.
ހަމަލާދޭން މަސައްކަތްކުރީ އޭކޭ-47 ސްޓައިލްގެ ރައިފަލަކުން ކަމަށް އެފްބީއައިއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
އެއީ ކެމްޕޭނު ތެރޭގައި ޓްރަމްޕަށް ހަމަލާއެއް އަމާޒުކުރަން މަސައްކަތްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ހަމަލާދީފައި ވަނީ ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ކެމްޕޭން ރެލީއެއްގައޮ ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށެވެ.
އެފަހަރު ޓްރަމްޕަށް ހަމަލާ އަމާޒު ކުރީ އެ ސަރަހައްދާ ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅު މަތީގައި އޮވެއެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަންފަތަށް ވަނީ ކޮންމެ ވެސް ވަރަކަށް އަނިޔާވެފައެވެ. ހަމަލާދިން މީހާ ވަނީ ހަމަ އެ ވަގުތު ބަޑި ޖަހައި މަރައިލައިފައެވެ.