އަންހެނުންތަކަކަށް ޖިންސީ ގޯނާކުރި ސީއައިއޭ އޮފިސަރަކަށް 30 އަހަރުގެ ހުކުމެއް

ގިނަ އަދަދެއްގެ އަންހެނުންތަކަކަށް ޖިންސީ ގޯނާކުރި ސީއައިއޭ އޮފިސަރު ބްރެއިން ޖެފްރީ ރޭމަންޑް -- ފޮޓޯ/އޭޕީ

ގިނަ އަދަދެއްގެ އަންހެނުންތަކަކަށް މަސްތުވާތަކެތި ދީ، ޖިންސީ ގޯނާ ކުރުމަށް ފަހު ފޮޓޯ ނެގި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ އޮފިސަރަކަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އެ މައްސަލައިގައި ހުކުމް އިއްވާފައިވަނީ 48 އަހަރުގެ ބްރެއިން ޖެފަރީ ރޭމަންޑުގެ މައްޗަށެވެ.

ކުރިން 2006 ވަނަ އަހަރުން ފެށިގެން ރޭމަންޑު އެކަން ކުރަމުން އަންނައިރު، އޭނާ ވަނީ ޓިންޑާއާއި އެހެނިހެން ޑޭޓިން އެޕްތަކުން ދިމާވާ އަންހެނުން އޭނާ ހުންނަ އެޕާޓްމަންޓަށް ގެންގޮސް މަސްތުވާތަކެތި ދީފައެވެ. އަދި، ރަނގަޅަށް މަސްތުވުމުން އެ މީހުން ބަރަހަނާކޮށް، ފޮޓޯނަގާފައިވާ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ. އޭނާގެ ޝިކާރައަށްވި ބައެއް މީހުން ބުނި ގޮތުގައި އެ މީހުންނަށްކަން ހިނގި ގޮތް އެނގުނީ 'އެފްބީއައި'އިން ފޮޓޯތައް ދެއްކުމުންނެވެ.

އެ މައްސަލައާ ގުޅިގެން ރޭމަންޑު ހައްޔަރުކުރިތާ ހަތަރު އަހަރު ވެއްޖެއެވެ. އޭނާ ކުށަށް އިއުތުރާފުވެފައިވަނީ މިދިޔަ އަހަރެވެ.

"އަހަރެން ކުރި ކުށަށް މައާފަށް އެދުމަކީ ދުވަހަކު ވެސް ފުދޭނެ ކަމެއް ނޫން. އަހަރެން ދެރަވާ މިންވަރު ބަޔާންކޮށްދޭނެ ބަހެއް ނެތް،" ކޯޓުގައި ރޭމަންޑު ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 'ސީއައިއޭ'އިން ވަނީ ރޭމަންޑްކުރި ކުށް ކުށްވެރިކޮށް، އަންހެނުން ހިމާޔަތްކުރުމުގެ މަގުސަދުގައި ދައުވާތައް އަވަހަށް ހުށަހެޅޭނެ ގޮތާއި، ކުށްވެރިންނަށް އަވަސް ފިޔަވަޅު އެޅޭނެ އިންތިޒާމު ވެސް ހަމަޖައްސާފައެވެ.

ނަމަވެސް، ރޭމަންޑް ހައްޔަރުކުރިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ވެސް އެ ކަމުގައި ސިއްރުތަކެއްވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، ރޭމަންޑް ކުށަށް އިއުތިރާފުވި ފަހުން ވެސް ޕީޖީން ވަނީ އޭނާ އެކަން ކުރިގޮތް ހާމަނުކޮށް، އަންހެނުންނަށް އަނިޔާކުރި ގައުމުތަކުގެ ފުރިހަމަ ލިސްޓެއް ހާމަކުރަން ދެކޮޅު ހަދާފައެވެ.

comment ކޮމެންޓް