އެންމެ ހެޔޮ އަމަލަކީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައި ދިނުން: ޚުތުބާ

އޮގަސްޓު މަހުގެ 23 ވަނަ ދުވަހު އިސްާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ތެރެއިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެންމެހާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށް ދެއްވައިފައި ވަނީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ވައްދައިދިނުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ވަނީ އެހެން މީހުންނަށް ހިނިތުންވުން ގެނެސްދިނުމާއި އެހެން މީހުން ހިތުގައިނުޖެއްސުމާއި އެހެން މީހުންގެ ކުރިމަތީގައި މޫނު ކުނި ނުކުރުމަށް ގޮވާލާފައެވެ. މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށް ކަމަށާއި ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށް ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ދެން ގޮވާލާފައި ވަނީ މުސްލިމް އަޚަކަށް މުސީބާތެއް ކުރިމަތިވާ ހިނދު އެ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމަށެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް މަސައްކަތްކުރުމަށް ވަނީ ގޮވާލާފައެވެ.

އަދި އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީ ވުމަށާއި އެ މީހުންގެ ކަރުނަތައް ފުހެލައިދިނުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ތެރެއިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

"ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެތެވެ." ޚުތުބާގައި ބުންޏެވެ.

މިއަދުގެ ޚުތުބާގައި ވަނީ ﷲގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެ ކަމަށް ބުނެފައެވެ.

އަދި ލޮބުވެތި ރަސޫލާގެ ބަސްފުޅުން މުހުތާދުވެރިޔާއަށް އެހީވުމުގެ މާތްކަމާއި، އޭނާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އެނގިގެން ދާކަމަށް ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މަޢުނަވީ ކަންތައްތައް ވެސް ހިމެނޭނެ ކަމަށް ވަނީ ބުނެފައެވެ.

މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެއް ކަމަށާއި އެއީ މާތްﷲ ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނަ ކަމެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ތެރެއިން--- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޚުތުބާގައި ވަނީ މާތްﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލުބޭކަލުންނަކީ، އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި، ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެއް ކަމަށް ބުނެފައެވެ.

އަދި އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށާއި އެކަލޭގެފާނު، މިސްކީނުންނަށާއި ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށް ޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވައިފައި ވާކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ޚުތުބާގައި ވަނީ ރަސޫލާގެ ޙަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުން ކަމަށް ބުނެފައެވެ. ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމާއި އޭނާގެ ދަރަނީން ބައެއް ކަނޑައިލައިދިނުމާއި ދަރަނި އެއްކޮށް މާފުކުރުމަކީ ގިޔާމަތްދުވަހުން މާތްﷲގެ އަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެ ކަމެއް ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް