ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިޠާނާއަށް ދޫކޮށްލެވޭ ވާގަނޑެއް: ޚުތުބާ

މީގެ ކުރިން އިސްލާމީ މަރުކަރުގައި ކީ ޚުތުބާއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް: މިއަދުގެ ޚުތުބާގައި ބުނީ ނުހިފެހެއްޓޭ ދުލަކީ ޝައިތާނާއަށް ދޫކޮށްލެވޭ ވާގަނޑެއް ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިތާނާއަށް ދޫކޮށްލެވޭ ވާގަނޑެއް ކަމުގައި ފާހަގަކޮށް، ދުލުން ބުނެވޭ ބަސްތަކާ މެދު ވިސްނަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ހަނުހުރުމުގެ އަޚުލާގާއި ބެހޭގޮތުން މިއަދު ކީ ހުކުރު ޚުތުބާގައި ވަނީ ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާއިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބޭ ކަމަށް ބުނެފައެވެ. އަދި، ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއް ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ވަނީ ﷲއާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ހަނުހުރުމަށް ގޮވާލައްވާފައިވާ ކަމަށް ބުނެފައެވެ. އަދި، އަނގަ ގަދަ ނުކުރުމަށާއި ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުން ކަމަށާއި ބޭކާރު ވާހަކަތައް ނުދެއްކުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ހިފެހެއްޓުމެއް ނެތް ދުލަކީ ޝައިޠާނާގެ އަތަށް ދޫކޮށްލެވޭ ވާގަނޑެއް ކަމަށާއި އޭނާ ބާޠިލު ވާހަކަތަކާ ދުރުހެލިވެ ހުރެއްޖެ ނަމަ، އޭނާ ވާނީ ސުވަރުގޭގެ އަހުލުވެރިއަކަށް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. ނަމަވެސް، ބާޠިލު ވާހަކަދައްކަން ފަށައިފި ނަމަ ޝައިޠާނާ އޭނާ އަތްއަތަށް ދަމާން ފަށާނެ ކަމަށާއި އެކަލޭގެ އެދޭގޮތަށް އެދޭ ކޮންމެ ވަގުތަކު އޭނާ އަނބުރައިލާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހުކުރު ޚުތުބާގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޚުތުބާޣައި ވަނީ އިންސާނާއަށް އޭނާގެ ބަސްތައް ކޮންޓުރޯލު ނުކުރެވިއްޖެ ނަމަ އޭނާއަކީ އަނގަ ހުތުރު، ހިތް ފަސާދަވެފައިވާ މީހަކަށް ވެދާނެ ކަމަށް ބުނެފައެވެ.

"ހިތް ސީދާވެއްޖައުމަށް ދާންދެން އެއްވެސް އަޅެއްގެ އީމާންކަން ސީދާނުވާނެތެވެ. އަދި، އޭނާގެ ދޫ ސީދާވެއްޖައުމަށް ދާންދެން އޭނާގެ ހިތް ސީދާނުވާނެތެވެ،" ޚުތުބާ

ޚުތުބާގައި ބުނީ، އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުން ކަމަށެވެ.

ހަނުހުރެއްޖެ ނަމަ މީހަކާ މެދު ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށާއި އެކަމަކު ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚުޞިއްޔަތު ފާޅުވާނެ ކަމަށާއި ހަރުދަނާކަމާއި ދޯހަޅިކަން ފެނިގެން ދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާ އެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲއަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ،" ޚުތުބާ

ޚުތުބާގައި ވަނީ މުއުމިނާއަކީ އޭނާގެ ދުލަށް ރައްކާތެރިވާ މީހާ ކަމަށާއި އޭނާގެ ޢަމަލު ގިނަކޮށް ބަސް މަދުކުރާ މީހާ ކަމަށް ބުނެފައެވެ. މުއުމިނުން ވާހަކަދައްކާނީ އޭނާގެ ނަފުސަށާއި އޭނާގެ މުޖުތަމަޢަށާއި އޭނާގެ ވަޠަނަށް ފައިދާ ހުރި ކަންކަމުގައި ކަމަށް ވެސް މިއަދުގެ ޚުތުބާގައި ވަނީ ބުނެފައެވެ.

ހުކުރު ޚުތުބާގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރިވެތި ބަހުން މީހުންނާ މުޚާޠަބުކޮށް މުޢާމަލާތުކުރާ މީހާއަށް ﷲގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިގެންވާ ކަމަށާއި މީސްތަކުންގެ ކިބައިން ރުހުމާއި މަޤުބޫލުކަން ލިބޭ ކަމަށް ޚުތުބާގައިވަނީ ބުނެފައެވެ. މީސްތަކުންގެ ގާތުގައި އޭނާ ވާނީ އެ މީހުންގެ ޙަޔާތަށް އަލިކޮށްދޭ ދަންމަރަކަށް ކަމަށާއި މީސްތަކުން އޭނާއަށް އިތުބާރުކޮށް އޭނާގެ ގާތަށް ނަސޭހަތް ހޯދުމަށް އަންނާނޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ، ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުން ކަމަށެވެ. އަދި، މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ހުކުރު ޚުތުބާގެ ތެރެއިން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެހެންވެ، މާތްﷲއަށް ތަގުވާވެރިވެ، ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވާން ޚުތުބާގައި ވަނީ ގޮވާލައިފައެވެ. ބޭނުންވާ މިންވަރަށް އެކަނި ވާހަކަދެއްކުމަށާއި މި ޒަމާނުގެ މީސްމީޑިޔާތަކުގެ މަންސަތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެއް ކަމަށާއި މި ނިޢުމަތާ މެދު ޣާފިލުވާ މީހުން ވަރަށް ގިނަކަން ފާހަގަކޮށް، ޚުތުބާގައި ވަނީ ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށް ގޮވާލާފައެވެ.

comment ކޮމެންޓް