އަވައްޓެރި ބަންގްލަދޭޝްގެ ކުރީގެ ލޭންޑް މިނިސްޓަރު ސައިފުއްޒަމާން ޗައުދަރީ މަގާމުގައި ހުންނަވައިގެން ހޯއްދެވި ބައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު މިލްކިއްޔާތު އަލްޖަޒީރާއިން ފަޅާ އަރުވާލައިފިއެވެ.
އަމިއްލަ ވިޔަފާރިތަކުން ފައިދާ ހޯދުމަކީ ބަންގްލަދޭޝްގެ ގާނޫނުން މިނިސްޓަރުންނަށް މަނާ ކަމެކެވެ. އަދި، އެ ގައުމުގެ ގާނޫނީ އިމުގެ ތެރެއިން ބޭރަށް ފޮނުވޭނީ ވެސް އަހަރަކު 12،000 އެމެރިކާ ޑޮލަރެވެ.
އެކަމަކު، އަލްޖަޒީރާއިން މި ހަފުތާގެ ބުދަ ދުވަހު ވަނީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ގާތް ބޭފުޅެއް ކަމަށްވާ ސައިފުއްޒަމާނާ ގުޅޭ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފަޅައިއަރުވާލައިފައެވެ. އެ ގޮތުން، އިނގިރޭސިވިލާތުގައި އެކަނި ވެސް އޭނާގެ 360 ލަގްޒަރީ އިމާރާތް ހުރި ކަމަށާއި އެ ތަންތަނުގެ އަގު 250 މިލިއަން ޑޮލަރަށް އަރާ ކަމަށް އަލްޖަޒީރާގެ ހޯދުންތަކުން އެނގެއެވެ.
އިނގިރޭސިވިލާތުގެ އިތުރުން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީއާއި އެމެރިކާގެ ނިއުޔޯކް، ސިންގަޕޫރު، އަދި މެލޭޝިއާގައި ވެސް އޭނާގެ ތަންތަން ހުރެއެވެ.
"އަހަރެންގެ ބައްޕަ ޝައިޚް ހަސީނާއާ ވަރަށް ގާތްވާނެ. އަހަރެން ވެސް. އެއީ އަހަރެންގެ ބޮސް. އޭނާއަށް އެނގޭނެ އަހަރެން މި ތަނުގައި [އިނގިރޭސިވިލާތުގައި] ވިޔަފާރިކުރާކަން،" ސައިފުއްޒަމާން ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އަލްޖަޒީރާގެ ތަހުގީގީ ނޫސްވެރިކަމުގެ ޔުނިޓުން ސައިފުއްޒަމާންގެ ކޮރަޕްޝަން ފަޅާ އަރުވައިލީ އިންވެސްޓަރުން ކަމަށް ހެދިގެންނެވެ.
އެ ނޫސްވެރިން ސައިފުއްޒަމާނާ ބައްދަލުކުރީ ލަންޑަންގައި ހުރި އޭނާގެ 14 މިލިއަން ޑޮލަރުގެ ގެއެއްގައެވެ. އެ ބައްދަލުވުމުގައި ވެސް އަގުބޮޑު ސޫޓުތަކާއި ބޫޓުތައް ގަންނަ ވާހަކަ އޭނާ ދައްކާ އަޑު އެ މީހުން ރެކޯޑުކޮށްފައި ހުއްޓެވެ.
އެ އަގުބޮޑު ގޭގައި ސިނަމާއަކާއި، ޖިމަކާ ހުރިއިރު އެ ގޭގައި ޕާކުކޮށްފައި އޭނާގެ އަގުބޮޑު ރޯލްސް ރޮއިސް ކާރު އޮތް ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ކުރިން 2017 ވަނަ އަހަރު އޭނާ ގިނަ އަދަދެއްގެ ކުންފުނިތަކެއް އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރަން ފެށިއިރު، 2019 ވަނަ އަހަރު އޭނާ މިނިސްޓަރުކަމަށް އައްޔަންކުރުމާ އެކު އެ ވިޔަފާރި އިތުރަށް ފުޅާކުރިއެވެ.
ސައިފުއްޒަމާން ވަނީ އޭނާ އިނގިރޭސިވިލާތުން އަގުބޮޑު ގެ ގަތީ ގާނޫނީ އިމުގެ ތެރެއިން ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާއިން ކަމަށް ވިދާޅުވެފައެވެ. އަދި، އެ ތުހުމަތުތަކަކީ ސިޔާސީ ގޮތުން ކުރާ ތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ހަސީނާގެ ދިގުލީ، ބާރުގަދަ ވެރިކަން ވެއްޓުމާ އެކު ހަސީނާ ވެސް އިންޑިއާގައި ހުންނެވިއިރު، ސައިފުއްޒަމާން ވެސް ވަނީ ބަންގްލަދޭޝް ދޫކޮށް ފުރައިފައެވެ.
ބަންގްލަދޭޝްގެ އިދާރާތަކުން މިހާރު އަންނަނީ ސައިފުއްޒަމާނަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތުތައް ތަހުގީގުކުރަމުންނެވެ. އެ ތަހުގީގުގެ ތެރެއިން އޭނާގެ ބޭންކް އެކައުންޓާއި އޭނާގެ އާއިލާއިން ހިންގާ ޔުނައިޓެޑް ކޮމާޝަލް ބޭންކް ލިމިޓެޑް (ޔޫސީބީއެލް) ވެސް ވަނީ ހުއްޓުވައިފައެވެ.