މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ އޭޓީއެފް-ޑާކާގައި ފުރަތަމަ ފަހަރަށް ބައިވެރިވެ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އެ ގައުމުގައި އިޝްތިހާރުކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މި ފެއާގައި ބައިވެރިވީ, އޭޓީއެފް 2024 ގެ ޕްރައިމް ޕާޓްނަރު ގައުމުގެ ހައިސިއްޔަތުން ނޭޝަނަލް ހޮޓަލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އެންއެޗްޖީއޭއެމް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް މަޓާޓޯއާ ގުޅިގެންނެވެ.
މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 23 ކުންފުންޏަކުން 37 މަންދޫބުން ބައިވެރިވެއެވެ.
އޭޓީއެފް-ޑާކާއަކީ ބަންގްލަދޭޝްގެ މީހުންގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
މި ފެއާގެ ސަބަބުން ބަންގުލަދޭޝްގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާތަކާއި ޓްރެވަލް އެޖެންސީތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް އުފައްދައިދީ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރަން މުހިންމު ޕްލެޓްފޯމަކަށް ވާނެއެވެ.
އޭޓީއެފް-ޑާކާގައި ހަދާފައިވާ ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ އަޑީގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ރާއްޖެއިން ހޯދޭނެ ތަފާތު ތަޖުރިބާތައް ވެސް ރާއްޖޭގެ ސްޓޭންޑުގައި ދައްކުވައިދީފައި ވާކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.
އެގޮތުން ރާއްޖެއަކީ އެންމެންނަށް ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އޮތް އެފޯޑަބަލް، ލަގްޒަރީ އަދި އާއިލާއާ އެކު ޗުއްޓީ ހޭދަކުރެވޭނެ ފުރުސަތުތައް ހުރި މަންޒިލެއް ކަން ބުނެދީ އެކަންކަން އިޝްތިހާރުކޮށްފައި ވާކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.
މީގެ އިތުރަށް ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި ކެއުންތަކުގެ ރަހަތައް ވެސް ވަނީ ދައްކާލާފައިވެއެވެ.
މި ފެއާއަކީ ބީޓުބީ އަދި ބީޓުސީ އަށް އަމާޒުކޮށްގެން ބާއްވާ ފެއާއެއްކަމަށްވުމުން ރާއްޖޭގެ ދެމެހެއްޓެނިވި ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ސިނާއަތާ ގުޅުންހުރި ސެމިނާތަކާއި ވޯކްޝޮޕްތަކުގައި ބައިވެރިވުމާ އަދި ސަގާފީ ހަރަކާތްތައް ދައްކާލުމުގެ ފުރުސަތު ވެސް މި ފެއާގެ ހަވާސާގައި ރާއްޖެއަށް ވަނީ ލިބިފައެވެ.
އެގޮތުން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް މާކެޓަކާއި ޓޫރިޒަމް މާކެޓަރުންނާއި ޕްރޮފެޝަނަލުންނަށް އަމާޒުކޮށްގެން ޓޫރިޒަމް ސްކިލްސް ކޮންވެންޝަނެއް ވެސް ކުރިއަށްދާނެ ކަމަށް އެމްއެމްޕީއާރިސީއިން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ މިހަރަކާތާއި ގުޅޭގޮތުން ވިދާޅުވީ، އޭޓީއެފް-ޑާކާ އަކީ އޭޝިއާގެ ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި ގުޅުން ބަދަހިކޮށް، ރާއްޖެއަށް ފަތުރުވެރިން އަންނަ އާ މާކެޓްތައް ހޯދައި އެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.