އައްޑޫ ސިޓީގެ ޕޯޓުން މިހާރު ކުރާ އެއްވެސް ފައިދާއެއް ނެތް ކަމަށާއި، އެތަނުން ފައިދާވާނެ ގޮތް ހެދުމަށް ޓަކައި އިންޓަނޭޝަނަލް ސީފުޑް ހަބަކަށް ހައްދަވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ވަޖީހު މިފަދައިން ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ރަސްމީކޮށް ފެށުމަށް ޓަކައި މިއަދު ހަވީރު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ، ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކުރުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނު ކަމަށްވާ އައްޑޫ އަތޮޅަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވެސް ޕޯޓެއް އޮންނަތާ 19 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެތަނުން ކުރާ ފައިދާއެއް ނެތް ކަމަށާއި މުޅިން ވެސް ހިންގަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ ވިޔަފާރިއެއް ނޫން. ވިޔަފާރިއަކީ ފައިދާވާގޮތަށް ގެންދާ ކަންކަން. ފައިދާވާނެ ގޮތެއް ހޯދުމަކީ އެކަމުގެ ޒިންމާ އަދާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން، މި ސަރުކާރުން އިރާދަކުރެއްވިއްޔާ އައްޑޫ ޕޯޓަށް ފައިދާވާ ގޮތަށް އެތަން އެހެން ގޮތަކަށް ބައްޓަން ކުރާނަން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް
ވަޖީހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އައްޑޫގެ ޕޯޓު ފައިދާވާނެ ތަނަކަށް ހެދުން ކަމަށެވެ. އެގޮތުން އެތަން ފައިދާވާނެ ތަނަކަށް ހެދުމަށްޓަކައި އޭނާގެ ވިސްނުން ވަނީ ހިއްސާކުރައްވާފައެވެ.
އެއީ އައްޑޫގެ ޕޯޓު އިންޓަނޭޝަނަލް ސީފުޑް ހަބަކަށް ހެދުމެވެ. ވަޖީހު ވިދާޅުވި ގޮތުގައި އެ ވިސްނުން އައީ ދުނިޔޭގެ ބޮޑު ޖަމިއްޔާއަކުން ކުރި ދިރާސާއަކުން އައްޑޫ ސަރަަހައްދަކީ މުޅި އޭޝިއާ ބައްރުގައި ވެސް އިންޓަނޭޝަނަލް ފިޝް ހަބެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދުކަމަށް ދައްކާފައިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމާނުއްސުރެ މަސްވެރިކަން ވަކިގޮތަކަށް ކުރަމުންދާތާ އެތައް ޒަމާނެއްވެއްޖެ. ރާއްޖޭގަ މިއޮތް ހުރިހާ ރިސޯޓުތަކާއި ބޭނުންވާ ހުރިހާ ސީފުޑްތައް އިމްޕޯޓުކުރަނީ ރާއްޖެއިން ބޭރުން. އަޅުގަނޑުމެންގެ ވިސްނުން މި ބަދަލުކޮށްލަނީ އައްޑުއަތޮޅުގައި އިންޓަނޭޝަނަލް ސީފުޑް ހަބެއް ގާއިމުކުރުމަށް، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް
ވަޖީހު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރަނީ އެކަމުގެ މަންފާ ގައުމަށް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށެވެ.
ރޭ އުތުރުގެ މެރިޓައިމް ޚިދުމަތްތައް ފެށުމަށް ޓަކައި ގާއިމުކުރި އުލިގަމު އައިއެސްޕީއެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެސް ވަޖީހު ވަނީ ދިވެހިރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާވާނެ ތިންވަނަ ސިނާއަތަކަށް މެރިޓައިމް ސިނާއަތް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.