އިގުތިސާދަށް އާމްދަނީ ހޯދައިދޭ ތިންވަނަ ސިނާއަތަށް މެރިޓައިމް ހަދާނަން: ވަޖީހު

އެމްޕީއެލްގެ ސީއީއޯޯ މުހައްމަދު ވަޖީހު އިބްރާހީމް: އެނާ ވިދާޅުވީ އިގްތިސޯދަށް އާމްދަނީ ހޯދައިދޭ ތިންވަނަ ސިނާއަތަށް މެރިޓައިމް ހަދާނެ ކަމަށް -- ފޮޓޯ/ އެމްޕީއެލް

ދިވެހިރާއްޖޭގެ އިގުތިސާދަށް އެންމެ ފައިދާވާނެ ތިންވަނަ ސިނާއަތަކަށް މެރިޓައިމް ސިނާއަތް ހައްދަވައިދެއްވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ވަޖީހު އެފަދައިން ވިދާޅުވީ، އުތުރުގެ މެރިޓައިމް ޚިދުމަތްތައް ފެށުމަށްޓަކައި ގާއިމުކުރި އުލިގަމު އައިއެސްޕީއެސް ގޭޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މެރިޓައިމްގެ ސިނާއަތަށް އެދެވޭ އަހައްމިއްޔަތުކަމެއް ދީފައިނުވާ ކަމަށެވެ. އެއީ އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އޮވެގެން އެ ދާއިރާގެ ކަންކަން ގެންދަންވީ މަގުން ނުގެންދެވުމުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މި ދާއިރާ އިތުރަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ވެރިކަމަށް މިވީ ދުވަސްކޮޅު ތެރޭގައި އެ ދާއިރާއިން ކުރެއްވި މަސައްކަތްތަކަކީ މިހާތަނަށް އެއްވެސް ރައީސަކު ނުކުރައްވާ މަސައްކަތްތައްކަން ގަބޫލުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނޫންނަމަ އެމަނިކުފާނުގެ ވެރިކަމުގެ 10 މަސް ދުވަހުގެ ތެރޭގައި މިވަރުގެ މަސައްކަތެއް ނުނިމޭނެ. މިއީ ހަގީގަތެއް. މިކަން ވެގެންދާއިރު ދިވެހި ރާއްޖޭގެ މެރިޓައިމް ދާއިރާ ވާނީ އިގުތިސާދަށް ނަފާ ހޯދާދޭ ތިންވަނަ އިންޑަސްޓްރީއަށް. އަޅުގަނޑުމެން މިކަން ކުރާނަން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް

ވަޖީހު ވިދާޅުވީ، މެރިޓައިމްގެ ދާއިރާ ކާމިޔާބުކުރުމަށް ޓަކައި މިހާރު ވެސް ކުރުމަށް މުހިންމު މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.

އެގޮތުން ބޭރުގެ ގައުމުތަކުން ރާއްޖެއަށް އަންނަ ކްރޫޒްލައިނާތަކަށް ރާއްޖޭގެ އުތުރާއި، މެދު އަދި ދެކުނުގައި ތިން ކްރޫޒް ޓާމިނަލް ގާއިމުކުރާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

ކްރޫޒް ޕެސެންޖާ ލައިންތައް ގިނަ އަދަދަކަށް ރާއްޖެ އަންނައިރު މިއަދާ ހަމައަށް ބޭރުން އަންނަ ޕެސެންޖާ ލައިންތަކަށް ދޭނެ އެއްވެސް ޚިދުމަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެކަންކަމަށް ވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވަޖީހު ވަނީ އަރުވާފައެވެ.

ވަޖީހު ވިދާޅުވި ގޮތުގައި އެމްޕީއެލްގެ ދައުރަކީ އެކަންކަން ފެށުމަށް މަގުފަހިކޮށްދިނުމެވެ. އެހެންކަމުން އެ ކުންފުނިން ރައީސް މުއިއްޒުގެ ލަފާފުޅުގެ މަތިން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް