އައިފޯން 16 ސީރީޒް މަރާމާތުކުރަން ފަސޭހަވާނެ ކަމަށް ރިޕޯޓުތަކުން ދައްކައިފި

އެޕަލްގެ އެންމެ ފަހުގެ ސްމާޓްފޯން -- އައިފޯން 16

އެޕަލްގެ އައިފޯން 16 ސީރީޒް މަރާމާތުކުރުމަށް ކުރީގެ މޮޑެލްތަކަށްވުރެ ފަސޭހަވާނެ ކަމަށް ފަހުގެ އާ ރިޕޯޓެއްގައި ބުނެފިއެވެ.

"އިޓްސް ގްލޯޓައިމް" އިވެންޓުގައި ތަޢާރަފުކުރެވުނު މި ސީރީޒްގައި ހިމެނެނީ އައިފޯން 16، އައިފޯން 16 ޕްލަސް، އައިފޯން 16 ޕްރޯ އަދި އައިފޯން 16 ޕްރޯ މެކްސްއެވެ.

އެންގެޖެޓްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެޕަލްއިން ވަނީ މި ސީރީޒްގައި މަރާމާތުކުރުމަށް ފަސޭހަވާނެ ތިން ބަދަލެއް ގެނެސްފައެވެ. އެ ތިން ބަދަލަކީ:

1. ބެޓެރީ ނެގުމަށް ފަސޭހަ އެދެސިވްއެއް ބޭނުންކުރުން:

މި އެޑްހެސިވް ވޯލްޓޭޖް ކުޑަ ކަރަންޓެއް ދިނުމުން ވަކިވާނެއެވެ. މިއާއެކު ނުވަ ވޯލްޓުގެ އާންމު ބެޓެރީއެއް ބޭނުންކޮށްގެން ބެޓެރީ ނެގޭނެއެވެ.

2. ޓްރޫޑެޕްތު ކެމެރާ މަރާމާތުކުރުމަށް ފަސޭހަކުރުން:

ކުރިން ފޭސްއައިޑީއަށް ބޭނުންކުރާ ލައިޑާ ސްކޭނަރު މަރާމާތުކުރެވެނީ އެޕަލްގެ ސާވިސް ސެންޓަރުތަކުގައި އެކަންޏެވެ. ނަމަވެސް މިހާރު އެހެން ޔުނިޓަކުން މި ބައި ބަދަލުކުރެވޭނެއެވެ.

3. ރިޕެއަ އެސިސްޓަންޓް ތަޢާރަފުކުރުން:

އައިއޯއެސް 18 ގައި ތަޢާރަފުކޮށްފައިވާ މި ފީޗާއިން ޕާޓް ޕެއަރިންގެ މައްސަލަ ހައްލުކޮށްދޭނެއެވެ. މިއާއެކު އައު އަދި ބޭނުންކޮށްފައިވާ ޕާޓްތައް ޑިވައިސްގައި ސީދާ ކޮންފިގާ އަދި ކެލިބްރޭޓް ކުރެވޭނެއެވެ.

މި ބަދަލުތަކާއެކު، ތަޖުރިބާކާރު ޔޫޒަރުންނަށް ކުދި މައްސަލަތައް ރަނގަޅުކޮށް، ޕާޓްތައް ބަދަލުކުރުމަށް ފަސޭހަވާނެ ކަމަށް ބެލެވެއެވެ. އަދި ތާޑް ޕާޓީ ފިހާރަތަކުންނާއި އެހެން ފަރާތްތަކަށް މަރާމާތުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ޓެކް ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ.

comment ކޮމެންޓް