އިންޑިއާއަށް ދައްކަންޖެހޭ އިތުރު 50 މިލިއަން ޑޮލަރު ދެއްކުން އަހަރެއް ފަސްކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ޢިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުން--- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރު ފަސްކޮށްދީފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ދިވެހި ސަރުކާރުން ވިއްކި 50 މިލިއަން ޑޮލަރުގެ ޓީބިލު ދިވެހި ސަރުކާރުގެ އެދުމުގެ މަތީން އިތުރު އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގައިފައެވެ.

އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ވަނީ ސަރުކާރުން ދައްކައިފައެވެ. ދެވަނަ އަށް އޮތް ޓީބިލަށް ފައިސާ ދައްކަން އޮތީ މެއި މަހުގެ ތެރޭގައެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެ ޓީބިލު އަނބުރާ ދެއްކުން ވެސް އިތުރު އަހަރެއް ފަސްކޮށްދީފައެެވެ.

އެއާއެކު ތިންވަަނަ ޓީބިލު މިއަދު މެޗުއާވާން އޮތްއިރު އެ ޓީބިލަށް ފައިސާ ދެން ދައްކަންޖެހޭނީ އެއް އަހަރު ފަހުންނެވެ.

މި ނިންމުމާއެކު އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދުގެ ގޮތުން އަވަށްޓެރި ގައުމެއް ކަމަށެވެ. އަދި ނެއިބަހުޑް ފަސްޓް ޕޮލިސީގައި ވެސް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއިން އެހީތެރިކަން ބޭނުންވާ ވަގުތުގައި އެ އެހީ އެންމެ ގާތުން ދެމުން އަންނަ ގައުމެއްކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް