ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުން ނިމުމަކަށް ގެނައުމަށް އދ.އިން ގޮވައިލި ގޮވައިލުމަށް އެމެރިކާގެ ފާޑުކިޔުން

ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފައިބަން ގޮވާލާ ގަރާރު އދ.ގެ އާންމު މަޖިލީހުން ފާސްކުރުމާ އެކު ފަލަސްތީނުގެ ސަފީރު ރިޔާޟް މަންސޫރު އަތްތިލަބަޑި ޖައްސަވަނީ. ފޮޓޯ/ އޭއެފްޕީ

ފަލަސްތީނުގެ ބިންތަކުން އެއްވެސް ޝަރުތެއްނެތި 12 މަސްތެރޭގައި ފޭބުމަށް އިސްރާއީލަށް ގޮވާލާ ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރުމާ ގުޅިގެން އެމެރިކާއިން އެކަމަށް ފާޑުކިޔައިފިއެވެ.

އދ.ގައި ހުންނަ އެމެރިކާގެ މިޝަނުން ބުނީ އެ ގަރާރަކީ ވަރަށް ބޮޑަށް އެއް ފަރާތަށް ޖެހިފައިވާ ގަރާރެއް ކަމަށެވެ.

އަދި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އދ.އަށް ކަނޑަނޭޅުނު ކަމަށާއި، ހަމާސްއިން އަދިވެސް އަންނަނީ ޣައްޒާގައި ބާރު ހިންގަމުން ކަމަށެވެ. އެހެންވެ، އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށް އެމެރިކާއިން ބުނެއެވެ.

އެ ގަރާރުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތައް އުނދަގޫވެ، ދެ ދައުލަތުގެ ހައްލު ނުވަތަ ޓޫ ސްޓޭޓް ސޮލިޔުޝަން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

އެ ގަރާރަށް އިސްރާއީލުންވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. "މިއީ ފަލަސްތީނު ސަރުކާރުގެ 'ޑިޕްލޮމެޓިކް ޓެރަރިޒަމް' އަށް ހިތްވަރުދޭ، ލަދުވެތި ނިންމުމެއް،" އިސްރާއީލުން އދ. އަށް ކަނޑައަޅާފައިވާ ސަފީރު ޑެނީ ޑެނަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޮކްޓޫބަރު ހަތެއް އެއީ ހަމާސް އިން އިސްރާއީލުގައި ހިންގި ގަތުލްއާންމަށް އަހަރު ފުރޭ ދުވަހަށް ވާއިރު އެ ދުވަހު ހަމާސް ކުށްވެރިނުކޮށް އަދި ހަމާސްއިން ރަހީނުކުރި މީހުންގެ ތެރެއިން ބާކީ ތިބި 101 މީހުން މިނިވަންކުރުމަށް ގޮވާނުލައި، އދ. އިން ނަށަނީ ފަލަސްތީނުގެ މިއުޒިކަށް ކަމަށެވެ.

އަދި އެ ގަރާރާއި އެއްކޮޅަށް ވޯޓުދީފިނަމަ ޕްރެޝަރު ކުރާނެކަމުގެ އިންޒާރު އެމެރިކާއިން ބައެއް ގައުމުތަކަށް ދިންކަމަށް ވެސް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އަރަބި އިސްލާމީ ގައުމުތަކުން ވަނީ އދ.ގެ އެ ގަރާރަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައި މިއީ ތާރީޚީ ގަރާރެއްކަމަށް ސިފަކޮށްފައެވެ.

އޭގެތެރޭގައި ފަލަސްތީން އޮތޯރިޓީ، ޤަތަރު، ބަހްރެއިން، ކުވައިތު، އޮމާން، ސައުދީ އަރަބިއާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް ހިމެނެއެވެ.

އާންމު މަޖިލީހުން ފާސްކުރި އެ ގަރާރަކީ އަމަލުކުރުން ލާޒިމު ނޫން ގަރާރެއް ނަމަވެސް 124 ގައުމުގެ ތާއީދާއެކު ފާސްކުރި މި ގަރާރަށް އަމަލުނުކޮށްފިނަމަ ދަތިކުރުމުގެ ފިޔަވަޅު އެޅޭނެއެވެ.

އިސްރާއީލުން 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ނިންމައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އިސްތިޝާރީ ލަފާގެ މައްޗަށް ފާސްކުރި ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓުދީފައި ވާއިރު، 43 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

އަރަބި ގައުމުތަކުގެ އިސްނެގުމަށް އާންމު މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި މި ގަރާރު ފާސްކޮށްފައި މި ވަނީ ގައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ޖެނެރަލް އެސެމްބްލީ ވަރަށް ގާތްވެފައި ވަނިކޮށެވެ.

comment ކޮމެންޓް