ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން ކައްކާ ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ގޮތުން ގެނައި ބަދަލު އުވާލައި، ކުރިއެކޭ އެއް މިންވަރަށް، މާދަމާއިން ފެށިގެން ގޭސް އަޅައިދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކުންފުނީގެ ކައްކާ ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން މަދުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ހުރި ދަތިތަކާ އެކުވެސް، މެދުކެނޑުމެއްނެތި ކަސްޓަމަރުންނަށް ގޭސް ފޯރުކޮށްދިނުމަށްޓަކައެވެ. ގޭސް އަޅައިދޭ މިންވަރު ބަދަލުކުރުމާއެކު، އެކުންފުނިން އަގު ނަގަމުންދިޔައީ ފުޅިއަށް އަޅައިދޭ ގޭހުގެ ބަރުދަނަށްކަން ފާހަގަކުރެވެއެވެ.
ނަމަވެސް އެކުންފުނިން މިއަދު ބުނެފައިވަނީ، ގޭސް ފޯރުކޮށްދިނުމުގައި ދިމާވި ދަތިތައް ހައްލުކޮށް، މާދަމާއިން ފެށިގެން އެކުންފުނިން ކުރިންވެސް ފޯރުކޮށްދެމުންދިޔަ ބަރުދަންތަކުގައި ގޭސް ލިބޭނެކަމަށެވެ. އަދި، އެކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ވީހައިވެސް ލުއިފަސޭހަވާނެ ފަދައިން ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް މޯލްޑިވް ގޭހުން ބުނެފައިވެއެވެ.
ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީގޮތުން މަދުކޮށްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ގޭސް ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން މޯލްޑިވް ގޭހުން އޭރު ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ފުޅިވެސް ވިއްކާފައިވެއެވެ. ނަމަވެސް ފަހުން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ދިމާވިޔަ ނުދިނުމަށްޓަކައި ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުންދާކަމަށް މޯލްޑިވް ގޭހުން ބުނެފައިވެއެވެ. މި މަޝްރޫއު ނިމުމުން، ތިން މަސްދުވަހުގެ ގޭސް އެއްފަހަރާ ރައްކާކުރެވޭނެކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.