ސްޓޫޑެންޓް ލޯނަށް މިހާތަނަށް 473 މިލިއަން ރުފިޔާ ދީފި، އަދި 180 މިލިއަން ރުފިޔާ ދޭންޖެހޭ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ވިދާޅުވީ ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް މިހާތަނަށް 473 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، އިތުރު 180 މިލިއަން ރުފިޔާ މި އަހަރު އަދި ދޫކުރަންޖެހޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން މަތީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް މިހާތަނަށް 473 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، އިތުރު 180 މިލިއަން ރުފިޔާ މި އަހަރު އަދި ދޫކުރަންޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިދާރީ މައްސަލަތަކުގެ ސަބަބުން ދަރިވަރުންނަށް ފައިސާ ދިނުން ތަންކޮޅެއް ލަސްވިޔަސް، އެ ސްކީމްގެ ދަށުން މިހާތަނަށް 473 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ދަރިވަރުންނަށް މި ފައިސާ ދޫކުރަނީ ކޮންމެ ހަ މަހަކުން އެއްފަހަރެއެވެ.

https://www.sun.mv/196941

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވީ މިދިޔަ ސަރުކާރުން 1،200އެއްހައި ކުދިންނަށް ސްޓޫޑެންޓް ލޯނު ދޭން ނިންމިއިރު، އޭގެ ތެރެއިން 600 އެއްހައި ކުދިންނަށް ލޯނު ހަމަޖެހިގެންދަނީ މި އަހަރުގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުގެ ސްޓޫޑެންޓް ލޯނުގެ މައުލޫމާތަށް ބަލާއިރު، މި މަހު 214 ދަރިވަރުން ކިޔަވަން ފުރާނެ ކަމަށެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުންގެ ފައިސާ މިހާރު ޕްރޮސެސް ކުރެވިފައިވާއިރު، އޭގެ ތެރެއިން 74 ދަރިވަރުންނަށް ފައިސާ ލިބުނުކަން ޔަގީން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސެޕްޓެންބަރު މަހުން ފެށިގެން ނޮވެންބަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯނުގައި ކިޔެވުމަށް 290 ކުދިން ފުރާނެ ކަމަށެވެ.

ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދަރިވަރުންނަށް ދޫކުރާ ފައިސާއަކީ، އެ ދަރިވަރުން އަލުން އަނބުރައި ދައުލަތަށް ދައްކަންޖެހޭ ފައިސާއެވެ. ނަމަވެސް އެ ފައިސާ އަނބުރައި ހޯދުމުގައި ދަތިތަކެއްހުރިކަން މިދިޔަ ސަރުކާރުން ވެސް ފާހަގަކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ފައިސާ އަނބުރައި ދެއްކުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އޮޓޮމެޓިކްކޮށް، ދަރިވަރުންނަށް ހަނދާންކޮށްދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އީމެއިލް މެދުވެރިކޮށް ވެސް ދަރިވަރުންނަށް ހަނދާންކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ބައެއް ކުދިން ހަމަ، އެ ކުދިން އިސް ނަގައިގެން ހަޔާ އެޑިއުކޭޝަނަށް އައިސް އެ ރީޕޭމަންޓް ދޭން ވެސް އެބަ ތިބި ބައިވަރު ކުދިން. އެހެންމާ މި ކަންތައްތައް ވެސް އަޅުގަނޑުމެން މި ދަނީ ހަމަ ކުރަމުންކަން ދަންނަވާލަން ބޭނުންވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ލޯނަށް ހުޅުވާލި 500 ފުރުސަތަށް އެދި 1،709 ދަރިވަރަކު ކުރިމަތިލިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ މި ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ދޭށެވެ.

comment ކޮމެންޓް