ހުރިހާ ދަރިވަރުންނަށް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ވިދާޅުވީ ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނަށް ފައިސާގެ އެއްވެސް ދައްޗެއް ދިމާނުވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސްޓޫޑެންޓް ލޯނުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ވެސް ފައިސާ ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ދެއްވައިފިއެވެ.

މި އަހަރު ލޯނަށް ހުޅުވާލި 500 ފުރުސަތަށް އެދި 1،709 ދަރިވަރަކު ކުރިމަތިލިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ މި ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ދޭށެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ, މި އަހަރުގެ ސެޕްޓެމްބަރު/އޮކްޓޫބަރު އިންޓޭކުގައި ކިޔަވާ އެކި ދަރިވަރުންގެ ކޯސްތައް ފެށެނީ ސެޕްޓެމްބަރު މަހުގެ އެކި ދުވަސްތަކުގައި ކަމަށެވެ.

މިހާރު ދަރިވަރުންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ހުރިހާ ދަރިވަރުންނަށް ވެސް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ސްޓޫޑެންޓު ލޯނުގައި ބޭރުގެ ޔުނިވަސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފައިސާ ހަމަޖައްސައިދެނީ ޑޮލަރުންނެވެ.

"ސެޕްޓެމްބަރުގެ ކުދިން އެކި ހިސާބުގައި މި ފެށެނީ ސެޕްޓެމްބަރު އެކަކުން ފެށިގެން 30 އާ ހަމައަށް. އެހެންވީމާ އެ ދޭތެރޭގައި ކޮންމެ ހަފުތާއަކު ބޭނުންވާ ވަރަށް މި ދަނީ ހަމަ ދޫކުރަމުން. އެހެންނަމަވެސް ލަސްވުންތަކެއް ވެސް ހުރެދާނެ މި ދެންނެވި ސަބަބުތަކާ ހުރެ،" މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން ހަމަ ޔަގީންކަންދެން ހުރިހާ ދަރިވަރުންނަށް ޑޮލަރުން ފައިސާ ދޫކުރަމުން މި ދަނީ އިރާދަކުރެއްވިއްޔާ،"

ބޭރުގެ ބައެއް ޔުނިވާސިޓީތަކުގައި ސެޕްޓެމްބަރު/އޮކްޓޫބަރު އިންޓޭކް ފެށެން ކުޑަތަންވެފައިވާއިރު ބައެއް ދަރިވަރުންނަށް އަދިވެސް ފައިސާ ހަމަނުޖެހޭ ކަމަށް ބުނެ ބައެއް ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ފައިސާ ހަމަޖައްސައިދެނީ ކޮންމެ ސެމިސްޓާއަކާ ދިމާކޮށް، އެ ދަރިވަރަކު ތައުލީމު ހާސިލުކުރަމުންދާކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ޔަގީން ކުރުމަށް ފަހުގައެވެ. އެ ގޮތުން، ސްޓޫޑެންޓް ލޯނަށް ފައިސާ ހޯދުމަށްޓަކައި، އެ ދަރިވަރަކު ކިޔަވާ މާއްދާތަކާއި، ޓިއުޝަން އިންވޮއިސްއާއި ދަރިވަރު ކިޔަވަމުންދާކަން ކަށަވަރުކުރުމަށް އެ ޔުނިވަސިޓީއެއްގެ ފަރާތުންދޭ ސިޓީ ފަދަ ލިޔެކިޔުންތައް ކޮންމެ ދަރިވަރަކު ވެސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ދަރިވަރުންނަށް ފައިސާ ހަމަޖައްސައިދިނުމުގައި ލަސްވާ ސަބަބުތަކުގެ ތެރޭގައި ދަރިވަރުން ހުށަހަޅުންޖެހޭ ލިޔެކިޔުންތައް މިނިސްޓްރީއަށް ނުލިބުމާއި، އަދި ބައެއް އިދާރީ މައްސަލަތައް ވެސް ހުރިކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި ސްޓޫޑެން ލޯނަށް ޚާއްސަ ސިސްޓަމެއް މިނިސްޓްރީން އަންނަނީ ގާއިމުކުރަމުންނެވެ.

ލޯނުގައި ކިޔަވާ ދަރިވަރުންނަށް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، މެދުކެނޑުމެއްނެތި އެ ދަރިވަރުންނަށް ފައިސާ ދޫކުރާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

comment ކޮމެންޓް