ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ން ސްޕެނިޝް ލަލީގާގެ ޖިރޯނާ ބަލިކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގައި ޕީއެސްޖީން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން، 29 ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް އެއިން އެއްވެސް ހަމަލާއަކުން ގޯލެއް ނުޖެހުނެވެ.
މެޗުގެ ހަމައެކަނި ލަނޑަކީ ޖިރޯނާގެ ކީޕަރު ޕައުލޯ ގަޒަނީގާ އަތުން މެޗުގެ 90 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ ނޫނޯ މެންޑޭޒް ތިރިތިރިން ގޯލަށް ފޮނުވާލި ބޯޅަ ގަޒަނީގާ ހިފަން އުޅުމުގެ ތެރޭގައި އަތު ތެރެއިން ބޯޅަ ގޮސް ގޯލަށް ވަނީއެވެ.
ޕީއެސްޖީން ވަރުގަދައަށް އެޓޭކްކުރި ނަމަވެސް ޖިރޯނާއިން މެޗުގައި ބޮޑަށް އިސްކަންދީފައިވަނީ ޑިފެންސްކުރާށެވެ.
ޗެމްޕިއަންސް ލީގުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ޖިރޯނާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑަޗް އެރެޑިވިސީގެ ފެޔެނޯޑާއެވެ. އަދި، ޕީއެސްޖީ ބައްދަލުކުރާނީ އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލާއެވެ.
މުބާރާތުގައި ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑާއި ބެލްޖިއަމް ޕްރޯ ލީގުގެ ކްލަބް ބްރޫޖް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3-0 އިން ކާމިޔާބުކުރީ މިދިޔަ ސީޒަންގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ޑޯޓްމުންޑެވެ. މެޗުގައި ޑޯޓްމުންޑުން ކާމިޔާބުކުރި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެމީ ގިޓެންސް ދެ ލަނޑު އަދި ސެހްރޫ ގުރާސީއެވެ.