ކޮމިއުނިސްޓް ޕާޓީގެ އިންޓާނަލް ޑިޕާޓްމަންޓު މިނިސްޓަރު، ޕީއެންސީގެ ވަފުދާ ބައްދަލުކުރައްވައިފި

ކޮމިއުނިސްޓް ޕާޓީގެ އިންޓާނަލް ޑިޕާޓްމަންޓު މިނިސްޓަރު ޕީއެންސީގެ ވަފުދާ ބައްދަލުކުރެއްވުން --

ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ވެރިކަންކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ވަފުދުގެ އިސްވެރިޔާ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނާ ސީޕީސީ ލިއޭޒަން ޑިޕާޓްމަންޓުގެ މިނިސްޓަރު ލިއު ޖިއަންޗޯ މިއަދު ބައްދަލުކުރައްވައިފިއެވެ.

ސީޕީސީގެ ދަޢުވަތަކަށް ކޮންގްރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ވަޑައިގަތީ މިދިޔަ އަންގަރަ ދުވަހުއެވެ.

މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި ކޮންގްރެސް ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ޒީނާޒް އަދުނާންއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކޮންގްރެސް ޕާޓީގެ އެކި ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން ހިމެނެއެވެ.

މިނިސްޓަރު އަމީނާއި ލިއު ޖިއަންޗޯގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ވަފުދުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓްމެންޓުގެ ނައިބު ވަޒީރު ސުން ހައިޔަން ވެސް ބައިވެރިވެވަޑައިގަތެވެ.

ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ސީޕީސީގެ އިންޓަނޭޝަނަލް ލިއޭޒަން ޑިޕާޓުމެންޓުގެ މިނިސްޓަރު ލިއު ޖިއަންޗޯ ވަނީ މި އަހަރަކީ ރާއްޖެއަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ކުރެއްވި ރަސްމީ ދަތުރުފުޅަށް 10 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މި އަހަރުގެ ޖަނަވަރީ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ޝާމިލު އިސްތިރާޖީ ގުޅުމެއްގެ ދަރަޖައަށް ގެންދެވުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމިއުނިސްޓް ޕާޓީގެ އިންޓާނަލް ޑިޕާޓްމަންޓު މިނިސްޓަރު ޕީއެންސީގެ ވަފުދާ ބައްދަލުކުރައްވައިފި

އޭގެ އިތުރަށް، ކޮންގްރެސް ޕާޓީ ހިމެނޭހެން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ސީޕީސީން ގާތް ގުޅުމެއް ބާއްވަމުންދާކަން ފާހަގަކުރައްވައި ލިއު ޖިއަންޗޯ ވިދާޅުވީ، ޕާޓީއާއި ޤައުމު ހިންގުމުގައި އެ ޕާޓީއަށް ލިބިފައިވާ ތަޖުރިބާތައް ކޮންގްރެސް ޕާޓީއާ ހިއްސަކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.

މިނިސްޓަރު އަމީނުގެ ވާހަކަފުޅުގައި ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ރައީސުންގެ ބެލެހެއްޓެވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ ކުރިއެރުމަށް ޗައިނާއިން ދެމުންދާ އެހީތެރިކަމަށް މިނިސްޓަރު ޝުކުރުއަދާކުރެއްވިއެވެ.

ޗައިނާއާއި ރާއްޖޭގެ މެދުގައި ދަތުރުފަތުރާއި ވިޔަފާރިއާއި ސަގާފީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވުމަށް އެދިވަޑައިގަންނަވާކަން މިނިސްޓަރު އަމީނު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ އެންމެ އިސްވެރިން ބޭނުންފުޅުވާ ގޮތަށް ދެ ޤައުމުގެ މެދުގައި އިސްތިރާޖީ މުވާސަލާތުތައް ހަރުދަނާކޮށް، ދައުލަތް ހިންގުމުގެ ތަޖުރިބާތައް ހިއްސާކުރުން އިތުރުކުރުމުގައި ޗައިނާއާ އެކު ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު އަމީން ދެއްވިއެވެ.

comment ކޮމެންޓް