ޕާކިސްތާނުގެ މިސައިލް ޕްރޮގްރާމަށް އެހީވާތީ ޗައިނާއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

ޕާކިސްތާނުގައި އުފައްދާ ޝާހީން މަރުކާގެ މިސައިލް

ވޮޝިންޓަން (16 ސެޕްޓެމްބަރު 2024): ބަލިސްޓިކް މިސައިލް ފަދަ ބާރުގަދަ ހަތިޔާރު ތަރައްގީކުރުމުގެ ޕްރޮގްރާމު ކޮންމެކޮންމެ ގައުމަކުން ހިންގައިގެން ނުވާނެ ކަމަށް ބުނެ، ޕާކިސްތާނުން ހިންގާ މިސައިލް ޕްރޮގްރާމަށް އެހީތެރިވާތީ ޗައިނާގެ ބައެއް ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ.

މިކަން ހާމަކުރައްވަމުން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލާ ވިދާޅުވި ގޮތުގައި ޕާކިސްތާނަށް ބަލިސްޓިކް މިސައިލްގެ ޓެކްނޮލޮޖީ ދިނުމުގެ ކުށުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޗައިނާގެ ތިން ކުންފުންޏަކާ ދެކޮޅަށެވެ. އޭގެ ތެރޭގައި "ބެއިޖިން ރީސާޗް އިންސްޓިޓިއުޓް ފޯ މެޝިން ބިލްޑިން އިންޑަސްޓްރީސް"އާއި ޗައިނާގެ އިތުރު ދެ ކުންފުނި ހިމެނެއެވެ.

މި ތިން ކުންފުންޏަކީ ވެސް ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކެވެ،

މިލާ ވިދާޅުވި ގޮތުގައި ބަލިސްޓިކް މިސައިލް ފަދަ ބާރު ގަދަ ހަތިޔާރު އުފެއްދުމަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށް ނުރައްކާވާނެ ކަމެއްކަމަށްވާތީ އެމެރިކާއިން ވާނީ އެ ކަންކުރުން މަނާކޮށްފައެވެ. އެމެރިކާއިން މަނާކޮށްފައިވާ ކަންކަން ކުރުމުން އެ ކަންކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން އޭނާ ހާމަކުރެއްވިއެވެ.

މިލާ ވިދާޅުވި ގޮތުގައި އެމެރިކާ މަނާކޮށްފައިވާ ހަތިޔާރެއް އެއްވެސް ގައުމަކުން އުފައްދާނަމަ އަދި އެ ކަމަށް ބޭނުންވާ ސާމާނު ގަތުމަށް މަސައްކަތްކުރާނަމަ އަދި އެކަމަށް އެހީތެރިވާނަމަ އެ ފަރާތްތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެއެވެ.

މިއީ ޕާކިސްތާނުގެ މިސައިލް ޕްރޮގްރާމަށް އެހީތެރިވާ މައްސަލާގައި ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ވެސް ޕާކިސްތާނުގެ މިސައިލް ޕްރޮގްރާމަށް އެހީތެރިވާކަމަށް ބުނެ އެމެރިކާއިން ޗައިނާގެ ތިން ކުންފުންޏަކާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ޕާކިސްތާން ކުރިއަށްގެންދާ ބެލިސްޓިކް މިސައިލް ޕުރޮގްރާމަކީ އެ ގައުމުގެ ދިފާއަށް ވަރަށް ބޭނުންތެރި ޕްރޮގްރާމެއް ކަމަށް އެގައުމުން ބުނެއެވެ. އެއީ ހަތިޔާރުގެ މައްސަލާގައި އެމެރިކާ ފަދަ ގައުމުތަކަށް ބަރޯސާވުން ކުޑަކުރުމަށް ޕާކިސްތާން ކުރަމުންގެންދާ މަސައްކަތްތަކުގެ ބައެކެވެ.

މި ޕްރޮގްރާމުގެ ދަށުން ޕާކިސްތާނުން އުފައްދާ މިސައިލްތަކުގެ ތެރޭގައި ޝާހީން އަދި އަބާބީލް މަރުކާގެ މިސައިލްތައް ހިމެނެއެވެ. މީގެ ތެރޭގައި ކުރުރާސްތާއާއި މެދު ރާސްތާ އަދި ދިގު ރާސްތާގެ ހިމެނެއެވެ. އަދި، ބައެއް މިސައިލްތަކަކީ ނިއުކްލިޔާ ވޯހެޑް ހަރުކުރުމުގެ ގާބިލުކަން ވެސް ލިބިފައިވާ މިސައިލްތަކެވެ.

އެމެރިކާއަކީ އެމެރިކާއަށް ބަރޯސާވާން އެހެން ގައުމުތަކަށް މަޖުބޫރުވާގޮތަށް ސިޔާސަތުތައް ގެންގުޅޭ ގައުމެކެވެ. އެމެރިކާގެ މައިގަނޑު އާމްދަނީ ލިބެނީ ހަތިޔާރު ވިއްކައިގެންނެވެ. އެހެންކަމުން އެހެންގައުމުތަކުން ހަތިޔާރު އުފެއްދުމަކީ އެމެރިކާގެ ހަތިޔާރުގެ މާކެޓް ކުޑަވެގެންދާނެ ކަމެއްކަމަށް އެމެރިކާއިން ދެކެއެވެ. މިއީ ވަރަށް ސީރިއަސްކޮށް އެމެރިކާއިން ފިޔަވަޅު އަޅާ މައްސަލައެކެވެ.

އީރާނާއި އުތުރު ކޮރެއާއިން ވެސް ބެލަސްޓިކް މިސައިލް ތަރައްގީކުރާތީ އެ ދެ ގައުމާ ދެކޮޅަށް ވެސް އަދި އެ ކަމުގައި އެ ދެ ގައުމަށް އެހީތެރިވާ ފަރާތްތަކަށް ވެސް އެމެރިކާއިންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް، ޔޫރަޕްގެ ގައުމުތަކާއި އިސްރާއީލު ފަދަ އެމެރިކާގެ އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ގައުމުތަކަށް މިފަދަ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެމެރިކާއިން ދެއެވެ.

ޗައިނާއިން ވަނީ އެމެރިކާގެ ދަތިކުރުމުގެ މި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ނުރުހުން ފާޅުކޮށްފައެވެ. ޗައިނާގެ ޚާރިޖިއްޔާއިން ބުނި ގޮތުގައި އެމެރިކާއަށް ދުނިޔޭގެ ފެންވަރުގައި ކަންކަން މަނާކޮށް އަދި ހުއްދަކޮށެއް ނުހެދޭނެއެވެ. އެއީ، ޣައިރު ގާނޫނީ ގޮތުން އެމެރިކާއިން ކުރާ ކަމެކެވެ.

އެމެރިކާއިން އަމިއްލައަށް ދުނިޔޭގެ ފުލުހަކަށް ވެގެން ވެސް ނޫޅެވޭނެއެވެ. ބައިނަލްއަގުވާމީ ގާނޫނަކުން އަދި އދ. ގެ ގަރާރަކުން މަނާކޮށްފައިނުވާ ކަމެއް ދުނިޔޭގެ ފެންވަރުގައި އެމެރިކާއަށް މަނައެއް ނުކުރެވޭނެއެވެ. އެމެރިކާގެ މި ފަދަ ޣައިރު ގާނޫނީ ކަންތައްތަކަށް ޗައިނާއިން އަބަދުވެސް ދެކޮޅު ހަދާނެ ކަމަށް ޗައިނާގެ ޚާރިޖިއްޔާއިންވަނީ ބުނެފައެވެ.

comment ކޮމެންޓް