ހިންދީ ސިނަމާގެ އެންމެ ބޮޑު ފީޗާ ފިލްމަށް ކަރީނާ

ބަތަލާ ކަރީނާ ކަޕޫރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ އަންނަ އަހަރަށް 25 އަހަރު ފުރޭ ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު، މިހާތަނަށް އިންޑިއާގައި އުފައްދާ އެންމެ ވަރުގަދަ ފީޗާ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޑައިރެކްޓަރު ޖޭޕީ ދައްތާގެ ފިލްމު "ރެފިއުޖީ"އިން 2000 ވަނަ އަހަރު ފިލްމީ ކެރިއަރު ފެށި ބަތަލާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވަނީ ޕޭން-އިންޑިއާގެ ހައި ޕްރޮފައިލް ފިލްމަކަށެވެ. ވޭތުވެދިޔަ ނުވަ މަސްތެރޭ އެކި ފަހަރު މަތިން މި ކުންފުނިން އައީ ކަރީނާއަށް ޕްރޮޖެކްޓުތަކެއް ހުށަހަޅަމުންނެވެ.

ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމާ ގުޅޭގޮތުން މާ ބޮޑު ތަފުސީލެއް ހާމަކޮށްފައިނުވާއިރު މިއީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ސިނަމާއިން ކަރީނާ މުޅިން ތަފާތު ގޮތަކަށް ފެންނާނެ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އިންޑަސްޓްރީގެ އެންމެ ނަން ހިނގާ ވަރަށް މަގުބޫލު ޑައިރެކްޓަރެއް ކަމަށާއި ފިލްމަށް ކަރީނާ އެއްބަސްވުމަށް ވެސް މާ ގިނަ ވަގުތެއް ބޭނުންނުވި ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ.

ކަރީނާ ކަޕޫރު ޚާން ފިލްމު "ޗަމޭލީ"ގެ މަންޒަރެއްގައި--ފޮޓޯ/ޕިންކްވިލާ

އަންނަ އަހަރުގެ ޖަނަވަރީ މަހު ތެރޭ ފިލްމުގެ މަސައްކަތް ފަށައި 2026 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ފިލްމު ގެނެސްދެވޭވަރު ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ވަގުތު ކަރީނާ އަންނަނީ މަޝްހޫރު ޑައިރެކްޓަރު މޭގްނާ ގުލްޒާރު "ދާއިރާ"ގެ ނަމުގައި އުފައްދާ ފިލްމެއްގައި މަސައްކަތްކުރަމުންނެވެ. ފިލްމީ ތަރި އަޔުޝްމާން މުހިއްމު ރޯލަކުން ފެންނާނެ މި ފިލްމުގެ މަސައްކަތް ފަށަން ތާވަލު ކުރެވިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.

comment ކޮމެންޓް