މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

ސްޕެޝަލް އޮޕަރޭޝަން ( އެސްއޯ) ފުލުހުން ނިކުމެ މާލޭގެ އެކި ސަރަހައްދުތަކާއި މީހުން ބަލާ ފާސްކުރުން: މީހެއްގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފައި-- ސަން ފޮޓޯ: ހުސެން ހަސަން

މާލޭގައި މީހަކު ރަހީނު ކުރުމަށް ފަހު އެ މީހާގެ އިނގިއްޔެއް ބުރިކުރި މައްސަލާގައި ތިން މީހަކު ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

މި މައްސަލާގައި ބަންދުކުރަން އަމުރު ކުރީ 23 އަހަރާއި، 21 އަހަރާއި، 18 އަހަރުގެ ދިވެހި ފިރިހެނުންތަކެކެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައެވެ.

މި ތިން މީހުންގެ މައްޗަށް ކުރަނީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، މީހެއްގެ ގައިގައި ޖެހުމާއި، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.

އަދި އެ ތިން މީހުން ބަންދުގައި ބަހައްޓަންޖެހެނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓުގެ އަމުރުގައިވެއެވެ.

ހައްޔަރުކުރި ތިން މީހުންނަކީ ވެސް އަނިޔާ ލިބުނު މީހާއާ އެއް ތަނެއްގައި މަސައްކަތް ކުރާ މީހެއް ކަން ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ދިފާއުގައި މި ތިން މީހުން ވެސް ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިވީ، ޕަވަޓޫލެއް ބޭނުން ކުރަނިކޮށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، މި ތިން މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގީ ބަޔާންތަކާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތަކާއި އަނިޔާ ލިބުނު ފަރާތަށް ލިބިފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކާއި އިންޓެލިޖެންސް ރިޕޯޓާއި އަދި އެ ނޫން ވެސް ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް