މިދިޔަ މަހު 29ގައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި މަރުވި އާދަމް އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީގެ ނަތީޖާއިން ދައްކައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މައްސަލައިގައި މާގިނަ މައުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށެވެ.
"އޮޓޮޕްސީ ނިމިފައި އޮޓޮޕްސީގެ ރިޕޯޓެއް އަޅުގަނޑުމެންނަށް ލިބިފައި އެބަވޭ. އެ ރިޕޯޓުގައި ކޯޒް އޮފް ޑެތްގެ ގޮތުގައި ނުވަތަ މަރުވާން ދިމާވި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކޮންސިސްޓެންޓް ވިތު ޑެތް ޑިއު ޓު ހޭންގިން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި މައްސަލައަކީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ.
"...އިތުރު ތަފުސީލުތައް އެ ފަރަތްތަކުން ކަންނޭންގެ ސާފު ކުރަން ވާނީ،"
އޭނާ ވިދާޅުވީ އޮޓޮޕްސީ ކުރިއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް، އެޗްއާރުސީއެމްގެ ބޭފުޅަކު ވެސް އޮޓޮޕްސީގެ ކަންކަމުގައި ބައިވެރިވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަތުހަރު މަރުވީ މި މަހު ދެވަނަ ދުވަހުއެވެ.
އެހެންވެ، އޭނާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އަތުހަރުގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުންޏެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެއެވެ.