ބަޔާނުން ޑީނަމޯ ޒަގްރެބް އާ ދެކޮޅަށް ބޮޑު ކާމިޔާބީއެއް

--

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކާއި ކްރޮއޭޝިއަން ފުޓްބޯލް ލީގުގެ ޑީނަމޯ ޒަގްރެބް ބައްދަލުކުރި މެޗު ފަސޭހަކަމާ އެކު ބަޔޭނުން ކާމިޔާބު ކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށް، އެ ޓީމުގެ ހުނަރުވެރި ފޯވަޑް ހެރީ ކޭންވަނީ ހެޓްރިކް ވެސް ހަދާފަައެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 19ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް، ބަޔާނަށް މެޗުގެ ލީޑު ނަގައިދީފައިވަނީ ކޭންއެވެ. އަދި، މެޗުގެ 33 ވަނަ މިނެޓުގައި ރަފައެލް ގުއެރޭރޯ ޖަހައިދިން ލަނޑާ އެކު މެޗުގައި ބަޔާނުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓް ފަހުން މައިކަލް އޮލީސޭވަނީ ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުމާއެކު ދެވަނަ ހާފު ވެސް ބާޔެންއިން ފަށާނީ އެހާފޯރީގައި ކަމަށް ހީވި ނަމަވެސް ދެވަނަ ހާފުގެ ފެށުން ރަނގަޅު ވެގެންދިޔައީ ޑީނަމޯގެއެވެ. މި މެޗުގެ ދެވަނަ ހާފު ބަޔާން އިން ފެށީ އެ ޓީމުގެ ތަޖްރިބާކާރު ކީޕާ މެނުއެލް ނޯޔާ އަަށް އަނިޔާ ވުމުގެ ސަބަބުން ބަދަލު ކީޕާ ސުވެން އުލްރިޗާއެކުއެވެ.

މި މެޗުގައި ޑީނަމޯއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ޖަހައިދިނީ ބްރޫނޯ ޕެޓްކޮވިޗްއެވެ. އަދި އޭގެ ދެ މިނެޓްފަހުން ޓަކޫޔާ އޮގިވާރާ ކާމިޔާބު ކޮށްދިން ލަނޑާއެކު ޑީނަމޯއިން ބަޔާން ހާސްކޮށްލިއެވެ.

ނަމަވެސް މިއާއެކު ދެން ފެނިގެން ދިޔައީ ބަޔާންއިން ގިނަ ލަނޑު ތަކެއް ޖަހާ މެޗު އަނެއްކާ ވެސް އެ ޓީމާ އެއްކޮޅަށް އަނބުރާލިތަނެވެ. މިގޮތުން މެޗުގެ 57 ވަނަ މިނެޓުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ކޭން ކާމިޔާބު ކޮށްދިން އިރު އޮލީސޭ ވަނީ 61 ވަނަ މިނެޓުގައި އެޓީމުގެ ފަސް ވަނަ ލަނޑު ޖަހާދީފައެވެ.

މި މެޗުގައި ބަޔާންއިން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ލިބުުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީ ކޭންވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި އޭނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗުގައި ކޭން ކާމިޔާބު ކުރި ހަތަރު ލަނޑާއެކު އޭނާ މިހާރުވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އިންގްލަންޑްގެ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މި މެޗުގައި ބަޔާންގެ އަށްވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ލިރޯއި ސާނޭ ކާމިޔާބު ކޮށްދިންއިރު ފަހު ލަނޑު ޖަހާދިނީ މެޗުގެ އިތުރު ވަގުތުގައި ލެއޮން ގޮރެޓްޒްކާއެވެ.

މި މުބާރާތުގެ ދެވަނަ ދެޗުގައި ބަޔާން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިންގްލިޝް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއާއެވެ. އަދި ޑީނަމޯ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި ފްރެންޗް ލީގު އާންގެ އޭ އެސް މޮނާކޯއާއެވެ.

comment ކޮމެންޓް