ރައީސް ހިއްސާކުރެއްވި މާނަފުން ވީޑިއޯ އިބުރަތަކަށް ނުފުދޭތަ؟

ރައީސް މުއިއްޒު: އެ މަނިކުފާނު އެދިވަޑައިގަތި ރައްކާތެރިކަމާއެކު ދުއްވުމަށް -- ފޮޓޯ/ ރައީސް އޮފީސް

ޒިންމާދާރުކަމާއި ރައްކާތެރިކަމާ އެކު މަގުތަކުގައި ދުއްވުމަށް ނަސޭހަތްތެރިވެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މާނަފުން އެނިމޭޓެޑް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

ރާއްޖޭގައި ބޮޑު މަގުބޫލުކަމެއް ހޯދި މާކަނާ ޝޯ ވެސް އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން ސްޓޫޑިއޯއިން ތައްޔާރުކުރި މި ވީޑިއޯ ފެށެނީ އުމުރުން ދުވަސްވީ ދެމަފިރިން އުނދޯއްޔެއްގައި ތިބެ ދައްކާވާހަކައަކުންނެވެ. ރޭގަނޑުގެ އެ ވަގުތުގައި ފިރިހެންމީހާ ތައްޔާރުވީ އެ މީހުންގެ ހަމައެކަނި ދަރިފުޅަށް ޒިޔާރާތްކުރާށެވެ. އުނދޯލީގައި އިނދެ އެ ވާހަކަ އޭނާގެ އަންހެނުން ފަރީދާ ގާތު ބުނާއިރު، އުނދޯލީގެ އެއް ފަޅީގައި ހަދިޔާއެއް ބައިންދާފައި އިނދެއެވެ. އެއީ ކޯއްޗެއްތޯ ސުވާލުކުރުމުން ފިރިހެން މީހާ ބުނީ އެއީ އޭނާގެ "ދޮންކަލޯ"އަށް ހަދިޔާއަކަށް ދޭ ގަޑިއެއް ކަމަށެވެ.

"އަޅެ ހުރިހާ އަންނައުނެއް އެ ހުރީ ބާވެފައި. ކީއްތަވާނީ އަމިއްލަ މީހާއަށް އެއްޗެއް ގަތިއްޔާ؟،" ފަރީދާ ބުންޏެވެ.

ދެމަފިރިންގެ ވާހަކައިގައި ފަރީދާގެ އެންމެ ބޮޑު ޝަކުވާއަކަށްވީ އެ މީހުންގެ ދަރިފުޅަށް ގުޅުމުން ފޯނު ނުނަގާކަމެވެ. ނަމަވެސް، އެއީ މާ ބޮޑު ކަމަކަށް ނުހެދުމަށާއި އެހެން ކަންތައްވަނީ ދަރިފުޅު "ބިޒީ"ވުމުން ކަމަށް ފިރިހެންމީހާ ވިސްނައިދެއެވެ.

ދެމަފިރިންގެ ވާހަކައަށް ފަހު ފިރިހެން މީހާ ގެއިން ނުކުތުމަށް ތެދުވުމުން ފަރީދާ އެދުނީ އަވަހަށް ގެއަށް އައުމަށެވެ. އެހެންކަމުން ދަރިފުޅަށް ހަދިޔާ ދިނުމަށް ފަހު އަވަހަށް ގެއަށް އައުމުގެ ނިޔަތުގައި ސައިކަލު ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް އޭނާގެ ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައެވެ.

މި އެކްސިޑެއްޓުގައި ކާރަށް މާ ބޮޑު ގެއްލުމެއް ނުލިބުނު ނަމަވެސް، ސައިކަލު ދުއްވި އުމުރުން ދުވަސްވީ މީހާ ވިއްސައިގެންގޮސް މަގުމައްޗަށް ޖެހޭމަންޒަރު ފެނެއެވެ.

އެކްސިޑެންޓު ހިނގުމާ އެކު ކާރު ދުއްވަންއިން ޒުވާނާ ނުކުމެ ސައިކަލު ދުއްވަންއިން މީހާގެ ހާލު ބަލައެވެ.

ކާރު ދުއްވި ޒުވާނާގެ މޫނުމަތީ ކުލަވަރު މިލައިމޮޅިވަނީ ކާރުން ޖެހުނީ އޭނާގެ ބައްޕަގެ ސައިކަލުގައިކަން ރޭކާލުމުންނެވެ. އިހުސާސްތައް ކޮންޓްރޯލްނުވެ، އޭނާ ވަގުތުން ރޯންފަށައެވެ. އަދި، އޭނާއަށް މައާފުކުރުމަށް އެދި ބައްޕައަށް ގޮވަން ފަށައެވެ. ނަމަވެސް، އެކްސިޑެންޓުގެ ސަބަބުން ލިބުނު ގެއްލުމުގެ ސަބަބުން ޒުވާނާގެ ބައްޕަ ވަނީ ހޭނެތިފައެވެ. ދުރަށް ވިއްސައިގެން ގޮސްފައި އޮންނަނީ ދަރިފުޅަށް ދިނުމުގެ ނިޔަތުގައި ބައްޕަ ގެންދިޔަ ގަޑިއެވެ.

މި ވީޑިއޯ ހިއްސާކޮށް ރައިސް ވިދާޅުވީ، ހަޔާތަކީ އަގުހުރި އެއްޗެއް ކަމަށެވެ. އަދި ރައްކާތެރިކޮށް ދުއްވުމަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ވަނީ، އެންމެން ގުޅިގެން މަގުތަކަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ. އަދި، ގޯހެއް ހެދުމުން އެކަން ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި މާލޭ ސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ އެކްސިޑެއްޓުތަކެއް ހިނގައިފައެވެ. މީގެ ތެރެއިން ދެ އެކްސިޑެންޓެއްގައި އަނިޔާވި ދެ ޒުވާނުން ވަނީ ދުނިޔެ ދޫކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓުތައް މަދުކުރަން ރައީސް ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން އިދާރާތަކަށް އަންގަވައިފައެވެ.

comment ކޮމެންޓް