ގުދުރަތީ ގޭހުން ރާއްޖޭގައި ކަރަންޓު އުފައްދަން ޕްރޮޕޯސަލެއް

އެންވަޔަމެންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް އިބްރާހިމް: ރާއްޖޭގައި ގުދުރަތީ ގޭހުން ކަރަންޓު އުފައްދަން ސިންގަޕޫރޫގެ ކުންފުންޏެއްގެ ޕްރޮޕޯސަލެއް .-- ފޮޓޯ/ އެންވަޔަމެންޓް މިނިސްޓްރީ

ރާއްޖޭގައި ގުދުރަތީ ގޭސް ނުވަތަ ލިކުއިޑިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ގާއިމުކުރަން ސިންގަޕޫރޫގެ ޗީ އެނާޖީ ކުންފުނިން އެންވަޔަމެންޓް މިނިސްޓްރީއަށް ޕްރޮޕޯސަލެއް ހުށަހަޅައިފިއެވެ.

އެންވަޔަމެންޓް މިނިސްޓްރީން ބުނީ، ޗީ އެނާޖީ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ގުޅުވައި އިއްޔެ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން، ގުދުރަތީ ގޭސް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނެޓްވޯކެއް ގާއިމުކުރެވުމުން ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފައްދަން މަގުފަހިވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެންވަޔަމެންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރާއްޖޭގައި ގުދުރަތީ ގޭހުން ކަރަންޓު އުފައްދަން ސިންގަޕޫރޫގެ ކުންފުންޏެއްގެ ޕްރޮޕޯސަލެއް .-- ފޮޓޯ/ އެންވަޔަމެންޓް މިނިސްޓްރީ

އިއްޔެ އެންވަޔަމެންޓް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި އެންވަޔަމަންޓް މިިސްޓަރު ތޯރިޤު އިބްރާހީމާއި މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެލްއެންޖީއަކީ 260 ފެރަންހައިޓްގައި ބަހައްޓައިގެން ގުދުރަތީ ގޭސް ލިކުއިޑް ފޯމަށް ބަދަލުކޮށް، ހަކަތަ އުފައްދާ ނިޒާމެކެވެ. މި ނިޒާމަކީ ތެޔޮ ބޭނުންކޮށްގެން އުފައްދާ ހަކަތައަށް ވުރެ ތިމާވެއްޓާ ރައްޓެހި ނިޒާމެކެވެ.

https://www.sun.mv/185998

ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޑިސެންބަރު 12ގައި ވަނީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ނިޒާމުތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އާއެކު 75 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް