''ޕޭޖަރުތައް ގޮއްވާލި މައްސަލައިގައި އިސްރާއީލަށް އަދަބު ދޭނަން''

ޕޭޖަރުތައް ގޮއްވާލި ހާދިސާގައި ޒަޚަމުވި މީހުން ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ/ރޮއިޓާސް

އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲ ޖަމާއަތުގެ މެންބަރުން މުއާސަލާތު ކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮއްވާލި މައްސަލައިގައި އިސްރާއީލުގެ ކިބައިން ބަދަލުހިފާނެ ކަމަށް ހިޒްބުﷲ އިން ބުނެފިއެވެ.

އެ ހާދިސާގައި ނުވަ މީހުން މަރުވެ، 3،000 އެއްހައި މީހުން ޒަޚަމުވިއެވެ. އޭގެ ތެރޭގައި ހިޒްބުﷲގެ ގިނަ ހަނގުރާމަވެރިންނާއި އީރާނުން ބެއިރޫތަށް ކަނޑައަޅާފައި ހުރި ސަފީރު ވެސް ހިމެނެއެވެ. ހިޒްބުﷲގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރެއްގެ ދެ ދަރިންނާއި ޖަމާއަތުގެ އެހެން މެންބަރެއްގެ 10 އަހަރުގެ އަންހެން ކުއްޖަކު ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ލުބުނާނުގެ އިންފޮމޭޝަން މިނިސްޓަރު ޒިޔާދު މަކާރީ ވަނީ އެ ޕޭޖަރުތައް ގޮއްވާލުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ހިޒްބުاللهގެ އޮފިޝަލަކާ ހަވާލާދީ އިންގްލިޝް އަރަބިއާއިން ބުނީ، ޕޭޖަރުތައް ގޮއްވާލުމަކީ އިސްރާއީލާ އެކު ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ އޮތް ހަމަނުޖެހުމުގައި ސަލާމަތީ ގޮތުން ކުރިމަތިވި އެންމެ ބޮޑު ގެއްލުން ކަމަށެވެ.

ހިޒްބުالله ހަނގުރާމަވެރިން ދަނީ އިސްރާއީލުން އެ މީހުންގެ ލޮކޭޝަންތައް ޓްރެކްކުރަން މަސައްކަތް ކުރާތީ، ލޯ ޓެކް ވަސީލަތެއްގެ ގޮތުގައި ޕޭޖަރުތައް ބޭނުން ކުރަމުން ކަމަށް އެ ގްރޫޕްގެ އޮޕަރޭޝަންތަކަށް އަހުލުވެރި ދެ މަސްދަރަކުން މި އަހަރުގެ ކުރީކޮޅު ރޮއިޓާސްއަށް ކިޔައިދީފައިވެއެވެ.

ޕޭޖަރަކީ މޯބައިލް ފޯނު އުފެއްދުމުގެ ކުރިން މުއާސަލާތް ކުރުމަށް ބޭނުންކުރާ ވަރަށް އާންމު އެއްޗެކެވެ. މީހަކު ގުޅަން އުޅޭ ނަމަ މި ޑިވައިސްތަކަށް ޓެލެފޯން އޮޕަރޭޓަރު މެދުވެރިކޮށް ލިބޭ ޓެކްސް މެސެޖެއް އޭގެ ޑިސްޕްލޭއިން ފެންނާނެއެވެ. މޯބައިލްފޯނު އިންޓަނެޓްގައި މަސައްކަތްކުރިޔަސް މި ޕޭޖަރަކީ ރޭޑިއޯ ފްރިކުއެންސީއަށް ހިނގާ އެއްޗެކެވެ. އަދި، މި ފްރިކުއެންސީ ކޮންމެ ޑިވައިސްއަކަށް ތަފާތުވާނެއެވެ.

އެ ހާދިސާއާ ގުޅިގެން އިސްރާއީލުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

މީގެ ކުރިން އަންގާރަ ދުވަހު އިސްރާއީލުގެ ޑޮމެސްޓިކް ސެކިއުރިޓީ އެޖެންސީން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޑިފެންސްގެ ކުރީގެ އިސް އޮފިޝަލަކު އަވަހާރަކޮށްލުމަށް ހިޒްބުاللهއިން ރާވާފައިވާ ރޭވުން ނާކާމިޔާބުކޮށްފައިވާ ކަމަށެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ފެށި ފަހުން ހިޒްބުﷲއާއި އިސްރާއީލާއި ދެމެދު އަންނަނީ އެކި ވަރުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.

ޕޭޖަރުތައް ގޮވީ ކިހިނެއް؟

ޕޭޖަރުތައް ގޮވީ ކިހިނެއް ކަމެއް މިހާތަނަށް އެނގިފައެއްނުވެއެވެ.

އަލްޖަޒީރާއިން ބުނާ ގޮތުގައި ޕޭޖަރުތައް ބަރޯސާވާ ރޭޑިއޯ ނެޓްވޯކް ހެކްކޮށްފައި އޮވެދާނެއެވެ. އޭގެ ސަބަބުން އެ މީހުން ބޭނުންވާ އިންޓެލިޖެންސް މައުލޫމާތު ހޯދޭނެ ކަމަށް ޑޭޓާ އެނަލިސްޓެއް ކަމަށްވާ ރަލްފް ބޭޑައުން އަލް ޖަޒީރާއަށް ވިދާޅުވިއެވެ.

އިނގިރޭސި ސިފައިންގެ ކުރީގެ އޮފިސަރު އަދި ކެމިކަލް ހަތިޔާރުގެ މާހިރު ހާމިޝް ޑި ބްރެޓަން-ގޯޑަން ފަދަ އެހެން އެނަލިސްޓުން ވިދާޅުވާ ގޮތުގައި ހިޒްބުﷲ އަށް ފޮނުވި ޕޭޖަރު ޝިޕްމަންޓެއް އިޒްރޭލަށް އެނގި، ލުބްނާނާ ހިސާބަށް ދިއުމުގެ ކުރިން އެ މޮޑިފައިކޮށް، ގޮވާތަކެތި ހަރުކޮށްފައި ހުރެދާނެއެވެ.

އިލެކްޓްރޯނިކް ޕަލްސް ފޮނުވައިގެން ޑިވައިސް ހޫނުކޮށް އަންދާލައިގެން ވެސް މިހެން ހެދިދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކޮންމެ ގޮތެއް ވިޔަސް މިއީ ހަމަ ހުރެފައި ދިމާވި ކަމެއް ނޫން ކަމަށާއި މިއީ އެނގުމުގެ ތެރެއިން ދުރާލައި ރާވައިގެން ހިންގި އަމަލެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

comment ކޮމެންޓް