ލުބުނާނުގައި އަނެއްކާ ވެސް ޑިވައިސްތަކެއް ގޮވައި ބަޔަކު މަރުވެއްޖެ

ޑިވައިސްތައް ގޮވުމުން ލުބުނާނުގެ ސިޑޯންގައި ހުންނަ މޮބައިލް ފިހާރައަކުން ދުން އަރަމުން ދަނީ. ފޮޓޮ/ރޮއިޓާސް

ލުބުނާނުގެ ހަނގުރާމަވެރި ޖަމާއަތް، ހިޒްބުالله އިން ބޭނުންކުރާ ޕޭޖަރުތައް ގޮވައި 12 މީހުން މަރުވެ، ތިން ހާހާއި ގާތްކުރާ އަދަދަކަށް މީހުން ޒަޚްމިވެފައިވާ ކަމަށް ރިޕޯޓުކުރިތާ އެއް ދުވަސް ފަހުން ލުބުނާނުގައި އަނެއްކާ ވެސް ޑިވައިސްތަކެއް ގޮވައިފިއެވެ.

އެ ހާދިސާގައި ނުވަމީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ބެއިރޫތުގެ އިރުމައްޗާއި ދެކުނުގެ އިތުރުން އިރުމަތީ ބެކާ ސަރަހައްދުގައި ވެސް ގޮވުންތައް ގޮވައިފައިވާ ކަމަށެވެ.

ނަމަވެސް އިއްޔެއާ ޚިލާފަށް މިއަދު ގިނައިން ގޮވައިފައި ވަނީ ވޯކޯޓޯކީ ތައް ކަމަށާއި، ކާރުތަކުގައި ހުންނަ ސޯލާ ޑިވައިސްތަކާއި ބައެއް ބެޓްރީތައްވެސް ގޮވި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ލުބުނާނުގެ ރަސްމީ ނޫސް އޭޖެންސީން ބުނީ ބެއިރޫތުގެ ސަރަހައްދުތަކުގައި ހުރި ގޭގޭގެ ސޯލާ އޭނާޖީ ސިސްޓަމްތައް ވެސް ގޮވައިފައިވެއެވެ.

އެ ގޮވުންތަކުގެ ސަބަބުން މުޅި ލުބުނާނަށް ހާސްކަން ކުރިމަތިވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕޭޖަރުތައް ގޮވަން މެދުވެރިވާނެ އެއް ގޮތަކީ ހިޒްބުﷲ އަށް ފޮނުވި ޕޭޖަރު ޝިޕްމަންޓެއް އިސްރާއީލަށް އެނގި، ލުބްނާނާ ހިސާބަށް ދިއުމުގެ ކުރިން އެ މޮޑިފައިކޮށް، ގޮވާތަކެތި ހަރުކޮށްފައި ހުރުމެވެ.

އަނެއްގޮތަކީ އިލެކްޓްރޯނިކް ޕަލްސް ފޮނުވައިގެން ޑިވައިސް ހޫނުކޮށް އަންދާލައިގެން ގޮއްވާލުން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެއެވެ.

ޕޭޖަރުތަކާއި މިއަދު ގޮއްވާލި ޑިވައިސްތައް ގޮއްވާލުމުގެ ފަހަތުގައި ވެސް ވަނީ އިސްރާއީލު ކަމަށް ހިޒްބުﷲއިން ތުހުމަތުކުރެއެވެ. އަދި އެ މައްސަލައިގައި އިސްރާއީލުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

comment ކޮމެންޓް