ޔުވެންޓަސްއިން ޕީއެސްވީ ބަލިކުރިއިރު ވިލާއަށް ވެސް ކާމިޔާބު ފެށުމެއް

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ ޔުވެންޓަސް އާއި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދުހޯވެން ބައްދަލުކުރި މެޗު ޔޫވޭއިން ވަނީ ކާމިޔާބު ކޮށްފައި --

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިޓާލިއަން ސެރީއާގެ ޔުވެންޓަސް އާއި ޑަޗް އެރެޑިވިސީގެ ޕީއެސްވީ އެއިންދުހޯވެން ބައްދަލުކުރި މެޗު ޔޫވޭއިން ކާމިޔާބު ކޮށްފިއެވެ.

ޔޫވޭގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ޕީއެސްވީން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔޫވޭއިންނެވެ. މިމެޗުގެ ފެށުން ރަނގަޅުވީ ޔޫވޭގެއެވެ. މިގޮތުން މެޗުގެ 21 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ޔޫވޭއިންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު ޖެހީ 19 އަހަރުގެ ޒުވާން ފޯވަޑް ކެނަން ޔިލްޑީޒްއެވެ.

އެ ލަނޑާއެކު ޔިލްޑީޒް ވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގައި އެޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފައެވެ. މިހާތަނަށް މިލަގަބު އޮތީ އެޓީމުގެ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލެސަންޑްރޯ ޑެލް ޕިއޭރޯ އަތުގައެވެ. މިލަނޑު ޖެހިތާ ހަ މިނެޓްފަހުން ވެސްޓަން މެކެނީ ކާމިޔާބު ކޮށްދިން ލަނޑާއެކު ޔޫވޭއިންވަނީ މިމެޗުގައި ޓީމުގެ ލީޑު ފުޅާވެސް ކޮށްފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ލަނޑު ސުން ލަނޑުން ޔޫވޭ ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ދެވަނަ ހާފު ޔޫވޭއިން ފެށީ ފުރަތަމަ ހާފު ނިންމާލި ހިސާބުންނެވެ. މިގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ޔޫވޭގެ ނިކޮލަސް ގޮންޒާލޭސްވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިމެޗުގައި ޕީއެސްވީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް ސައިބާރީއެވެ.

މިކާމިޔާބީއާއެކު ޔުއޭފާއިން ޗެމްޕިއަންސް ލީގަށް އަލަށް ތައާރަފުކުރި ލީގު ފޭސްގައި ޔޫވޭއިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފައިވާއިރު ލީގުގެ ދެވަނަ މެޗުގައި އެޓީމު ދެން ކުޅޭ މެޗެއްގައި ރަށުން ބޭރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޖަރުމަނު ބުންޑެސްލީގާގެ އާރްބީ ލެއިޕްޒިގްއާއެވެ. އަދި ޕީއެސްވީ ދެން ކުޅޭ މެޗެއްގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ލީގާ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާ ދެކޮޅަށެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގައި 41 އަހަރުގެ މެދު ކެނޑުމަކަށްފަހު މިފަހަރުގެ މުބާރާތުގައި ވާދަކުރަމުންދާ އިންގްލިޝް ޕްރިމިއާ ލީގުގެ އެސްޓަން ވިލާ އާއި ސްވިސް ސުޕާ ލީގުގެ ޔަންގް ބޯއިސް ބައްދަލުކުރި މެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ވިލާއިންވެސް ވަނީ އެޓީމުގެ ފެށުން ރަނގަޅުކޮށްފައެވެ.

ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗު ވިލާއިން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. މިމެޗުގައި ވިލާގެ ތިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫރީ ޓިއެލަމަންސް އާއި ޖޭކޮބް ރެމްސީ އަދި އަމަޑޫ އޮނާނާއެވެ. ވިލާއިން މިލީގުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނު ބުންޑެސްލީގާގެ ބަޔޭން މިޔުނިކާއެވެ. އަދި ޔަންގް ބޯއިސް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާ އާއެވެ.

comment ކޮމެންޓް