ހ. ހުޅުގަލި ނަމަކަށް ކިޔާ ގެއެއްގައި އަމިއްލަ ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލަން ހުއްދަ ދީ، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފިއެވެ.
އެ ގޭގައި ސިނގިރޭޓު އުފައްދާކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން ވަނީ މިދިޔަ ޖަނަވަރީ މަހުގެ 30ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރުމަށް ފަހު، ދުންފަތް ހިމެނޭ 103 ކާޑުބޯޑު ފޮށިގަނޑު އަތުލައިގެންފައެވެ. އޭގެ ތެރޭގައި ދުންފަތް ހުރި ފޮށިގަނޑުތަކެއް ވެސް ހިމެނޭ ކަމަށް ފުލުހުން އެ ރޭ ބުންޏެވެ.
އެ ކުންފުންޏަކީ ރޭޑިއަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެކެވެ.
"ސަން" އަށް މައުލޫމާތުދެއްވައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން އެ ކުންފުނީގެ ވިޔަފާރުކުރުމުގެ ހުއްދަ މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން ސިނގިރޭޓު ނައްތާލުމަށް ހުއްދަ ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ އެކު ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު ސިނގިރޭޓަށް އޮންނަ ޑިމާންޑު ވެސް ވަނީ އުފުލިފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްގެން ކުޑަ އަގެއްގައި ސިނގިރޭޓު ވިއްކި މައްސަލައެއް ވެސް މި ފަހުން ވަނީ ފެންމަތިވެފައެވެ. މިތަކެތި ވިއްކާފައި ވަނީ އިންޒާރު ވެސް ޖެހުމެއްނެތިއެވެ.