ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އުފެއްދެވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ ކަމާއި ޗެއާޕާސަން ކަމަށް ރާއްޖެއިން ބޭރުގެ ދެ ތަޖުރިބާކާރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އައްޔަންކުރެއްވީ އޮގަސްޓު 26ގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ) އިން މިއަދު ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ އިސްތިއުފާ ހުށަހެޅުއްވުމުން އެކަން ގަބޫލުކޮށް އޭނާ މަގާމުން ވަކި ކޮށްފައިވާ ކަމަށެވެ.
އޭނާއަކީ ތިމާވެއްޓާ ރައްޓެހި އިންވެސްޓްމަންޓުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބޭފުޅެކެވެ.
އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭންކުގެ މަސައްކަތްތައް ވެސް ރަނގަޅަށް ފަށައި ނުގަނެވި އުޅެނިކޮށެވެ.
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުއެވެ.
އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކާއި ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދު ކުރިއަރަމުން އަންނަކަން ކަށަވަރު ކުރުމުގައި ޑިވެލޮޕްމެންޓް ބޭންކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ.
އަދި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަށް އެ ބޭންކުން މަސައްކަތް ކުރާނެއެވެ.
މިދިޔަ އޮގަސްޓުގައި ވަނީ ދިވެއްސަކާއި ބޭރު ދެ ބޭފުޅުން ވެސް މި ބޭންކުގެ ބޯޑަށް އައްޔަނު ކުރައްވައިފައެވެ.
ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވާފައިވާއިރު ރާއްޖޭގެ މާލީ ހާލަތު ވަރަށް ގޯސް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އަދި ފައިސާ ޗާޕް ކުރުން ފަދަ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން މިފަހުން ވަނީ އެމްއެމްއޭގެ ބޯޑުން ވެސް އިގްތިސާދީ މާހިރުންތަކެއް އިސްތިއުފާ ދެއްވައިފައެވެ.