'އަނޫޕަމާ'އިން ކާވިޔާ ދެން ނުފެންނާނެ

ސްޓާ ޕްލަސްގެ ސިލްސިލާ "އަނޫޕަމާ"ގެ ބަތަލާ މަދަލްސާ--ފޮޓޯ/ބޮލީވުޑްހަންގާމާ

މީގެ ހަތަރު އަހަރު ކުރިން ސްޓާ ޕްލަސްއިން ގެނެސްދޭން ފެށި އެ ޗެނަލްގެ އެންމެ މަގުބޫލު ސިލްސިލާ "އަނޫޕަމާ"އިން ޓީވީ ތަރި މަދަލްސާ ޝަރުމާ ވަކިވެއްޖެއެވެ.

އެ ސިލްސިލާގެ އެންމެ މުހިއްމު އެއް ކެރެކްޓަ ކަމަށްވާ ކާވިޔާގެ ރޯލް ކުޅެމުން އައި ބަތަލާ މަދަލްސާ "އަނޫޕަމާ"އިން ވަކިވާން ނިންމި ނިންމުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫން ކަމަށާއި އެ ކަމާ ވިސްނާތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މި ސިލްސިލާ ފެށިގެން އައި ދުވަސްވަރު އެންމެ ބޮޑަށް ސަމާލުކަމެއް ލިބު އެއް ކެރެކްޓާއަކީ މަދަލްސާ ކުޅުނު ކެރެކްޓާއެވެ.

މިހާރު ވެސް އެންމެ ގިނަ ބަޔަކަށް ކަމުދާ ޓީވީ ސިލްސިލާ "އަނޫޕަމާ"ގެ ވާހަކަ ތަރައްޤީވަމުން އައި ވަރަކަށް މަދަލްސާގެ ރޯލު ވެސް ކުޑަވެ، އެހެން ކެރެކްޓަރުންގެ ހިޔަނި ބަތަލާގެ ކެރެކްޓާއަށް އެޅިފައިވާ ކަމަށެވެ. އެހެންވެ، ބަތަލާގެ ކެރެކްޓާ ފަނޑުވަމުން އަންނަ ކަމަށް މަދަލްސާ ވަނީ ބުނެފައެވެ.

ބަތަލާ މަދަލްސާ "އަނޫޕަމާ"ގެ އެކްޓަރު ސުދާންޝޫ ޕާންޑޭއާ އެކު--ފޮޓޯ/ކޮއިމޮއި

އެންމެ ފުރަތަމަ ވެސް މަދަލްސާ ކުޅުނު ރޯލު މާ ބޮޑު ބަދަލެއް ނުގެނެސް އެ ގޮތުގައި ހިފެހެއްޓި ނަމަ އޯޑިއަންސާ އެކު އޮތް ގުޅުން އަބަދު ވެސް އޮތުމުގެ ފުރުސަތު ލިބުނީސް ކަމަށާއި ނަމަވެސް މިހާރު އޭނާގެ މާ ބޮޑު ރޯލެއް އެ ސިލްސިލާގައި އޮތް ކަމަށް ނުދެކޭ ކަމަށް ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބަތަލާ ވަނީ ބުނެފައެވެ.

މަދަލްސާ މި ސިލްސިލާއިން ވަކިވިކަން އިއުލާނުކުރިއިރު "އަނޫޕަމާ"ގެ ލީޑް އެކްޓަރު ސުދާންޝޫ ޕާންޑޭ ވެސް ވަނީ އެ ސިލްސިލާއިން ވަކިވާން ނިންމިކަން އިއުލާނުކޮށްފައެވެ.

ވަންރާޖް ޝާހްގެ ރޯލުން ފެނުނު ސުދާންޝޫ ބުނެފައިވަނީ އެ ސިލްސިލާއަށް ކެރިއަރުގެ ހަތަރު އަހަރު ދެވިއްޖެ ކަމަށާއި ނަމަވެސް ސިލްސިލާ މިހާރު ގޮސްފައި އޮތް ހިސާބުން އެކްޓަރުގެ މާ ބޮޑު ކުރިއެރުމެއް ސިލްސިލާގައި ނެތް ކަމަށެވެ. މީގެ ކުރިން ވެސް މި ސިލްސިލާގެ މުހިއްމު ކާސްޓުންގެ ތެރެއިން އެއް ބަޔަކު ވަނީ ސިލްސިލާއިން ވަކިވެފައެވެ.

comment ކޮމެންޓް