'ކޯލް މީ ބޭ'ގެ ދެވަނަ ސީޒަނެއް އުފައްދަނީ

ފިލްމީ ތަރި އަނަނިޔާ ޕާންޑޭ--ފޮޓޯ/ބޮލީވުޑްހަންގާމާ

މި މަހު އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފެށި ބަތަލާ އަނަނިޔާ ޕާންޑޭގެ ވެބް ސީރީޒް "ކޯލް މީ ބޭ"ގެ ދެވަނަ ސީޒަނެއް އުފައްދާނެކަން ކަށަވަރުވެއްޖެއެވެ.

މިކަން އިއުލާނުކުރަމުން މި ވެބް ސީރީޒް ގެނެސްދިން ދަރުމާ ކުންފުނީގެ ގޮފި ދަރުމެޓިކް އެންޓަޓެއިންމަންޓުން ބުނެފައިވަނީ ދެވަނަ ސީޒަންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމޭޒަން ޕްރައިމް މެދުވެރިކޮށް 165 ޤައުމެއްގައި މި ސީރީޒް ސްޓްރީމްކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރެއިން 50 ޤައުމެއްގައި މި ސީރީޒް ވަނީ އެންމެ ގިނަ މީހުން ބަލާ އިންޑިއާ ވެބް ސީރީޒްގެ 10 ވަނައިގައި ހިމެނިފައެވެ. ހަމައެއާއެކު "ކޯލް މީ ބޭ" ލޯންޗުކުރި ހަފުތާގައި އިންޑިއާގައި ވެސް އެންމެ ގިނަ މީހުން ބެލި 10 ވެބް ސީރީޒްގެ ތެރޭގައި މި ސީރީޒް ހިމެނެއެވެ.

އަނަނިޔާ ޕާންޑޭ ވެބް ސީރީސް "ކޯލް މީ ބޭ"ގެ މަންޒަރެއްގައި--ފޮޓޯ/ވެރައިޓީ
ބަތަލާ އަނަނިޔާގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީޒް "ކޯލް މީ ބޭ"ގެ ވާހަކަ ގެނެސްދީފައިވާ ގޮތުން މި ޒަމާނުގެ ޒުވާނުންނަށް ވަރަށް ގުޅެއެވެ. ބަތަލާ އަނަނިޔާ ކުޅެފައިވާ ރޯލުގައި ދެއްކި އެކްޓިންއަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

އަނަނިޔާ މި ސީރީޒްގައި ކުޅެފައިވަނީ ވަރަށް މުއްސަނދި ދިރިއުޅެއް އުޅެމުން އައި ޒުވާން އުމުރު ފުރައިގެ އަންހެން ކުއްޖެއްގެ ރޯލެވެ. މުއްސަނދި ދިރިއުޅުމަކުން އާދައިގެ ދިރިއުޅުމަކަށް ދާންޖެހި ހަޔާތަށް ބޮޑު ބަދަލެއް އައިސް ދިމާވި ގޮންޖެހުންތަކުން ކުރި ހޯދިގޮތް މި ސީރީޒުން ދައްކުވައިދެއެވެ.

އަނަނިޔާގެ އިތުރުން މި ސީރީޒްގެ މުހިއްމު ރޯލުތަކުން ފެނުނު އިތުރު ތަރިންގެ ތެރޭ އެކްޓަރު ވީރް ދާސް، ވަރުން ސޫދު، މިނީ މާތުރު، ގުރްޕަތޭ ޕިރްޒާދާ އަދި މުސްކާން ޖެފްރީ ހިމެނެއެވެ.

comment ކޮމެންޓް