ސްކޭމްގެ މައްސަލަ ބޮޑުވެ، ސަލްމާންގެ އިންޒާރެއް

ފިލްމީ ތަރި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ސަލްމާން ޚާންގެ ނަމުގައި ބަޔަކު މީހުން ސްކޭމެއް ހިންގާތީ އެ ކަމަށް ސަޕޯޓަރުން ސަމާލުވުމަށް އެކްޓަރު އިލްތިމާސްކޮށްފިއެވެ.

އެމެރިކާގައި މި އަހަރު ތެރޭ ސަލްމާން ޚާންގެ ޓުއާއެއް ބާއްވަން ތައްޔާރުވަމުން އަންނަކަމަށް ބުނެ ހިންގާ ސްކޭމްގެ އަޑީގައި ތިބި ބަޔަކު ހޯދާނެ ކަމަށް ބުނެ، އެ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ސަލްމާން ވަނީ ދީފައެވެ.

ސަލްމާންގެ ސަޕޯޓަރުން ސަމާލުވުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ މި އަހަރު އެމެރިކާއަށް ދަތުރުކުރުމުގެ ޕްލޭނެއް އަދި ވިސްނުމެއް ވެސް ނެތް ކަމަށާއި ސަލްމާންގެ ނަމުގައި ބަޔަކު މީހުން ފަތުރަމުން ދަނީ ދޮގު ޚަބަރުތަކެއް ކަމަށެވެ.

ސަލްމާން ޚާން އައިފާ އެވޯޑު ޝޯގައި ޕާފޯމް ކުރަނީ--ފޮޓޯ/ކޮއިމޮއި

އެމެރިކާގައި ޓުއާއެއް ބާއްވާ ކަމަށް ބުނެ، ބަޔަކު މީހުން މުއާމަލާތުކޮށްފި ނަމަ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށާއި އެކަން ކަމާބެހޭ އިދާރާތަކަށް ވަގުތުން އެންގުމަށް ސަލްމާން ވަނީ އެދިފައެވެ. މި އަމަލު ހިންގަމުންދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަލްމާން މި ކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ސަލްމާންގެ ނަމުގައި ބަޔަކު މީހުން ވަނީ މިފަދަ ސްކޭމެއް ހިންގާފައެވެ. އެއީ، ސަލްމާންގެ އަމިއްލަ ފިލްމު ކުންފުނި އެސްކޭއެފުން ކުންފުނީގެ ފިލްމަކަށް ކާސްޓުން ހޯދަން ހުޅުވާލިކަމުގެ ދޮގު މައުލޫމާތެވެ. އެ ކަމާ ގުޅިގެން ވެސް ސަލްމާން ވަނީ ބަޔާނެއް ނެރެފައެވެ.

ސަލްމާންގެ އިތުރުން ވެސް ފިލްމީ ދާއިރާގައި ނަން މަޝްހޫރު ކުދި ބޮޑު ފަންނާނުންނަށް ދޭތެރެދޭތެރެއިން މިފަދަ ސްކޭމްތަކާ ކުރިމަތިލާންޖެހެއެވެ.

comment ކޮމެންޓް