ޖުނެއިދާއި ޚުޝީގެ ފިލްމު ފެބްރުއަރީގައި

ފިލްމީ ތަރިން ކަމަށްވާ ޚުޝީ ކަޕޫރު އަދި ޖުނައިދު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "މަހާރާޖް" އަދި "ދަ އާޗީސް"އިން ފިލްމު އިންޑަސްޓްރީއަށް ތަޢާރަފުވި ދެ ތަރިން ކަމަށްވާ ޖުނައިދު ޚާނާއި ޚުޝީ ކަޕޫރު އެކީގައި ކުޅޭ ފިލްމު ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބޮޑު ތަރުހީބެއް ހޯދި "ސީކްރެޓް ސުޕަސްޓާ"ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަންއެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

ފޭންޓޮމް ސްޓޫޑިއޯ އަދި އޭޖީއެސް އެންޓަޓެއިންމަންޓު ގުޅިގެން ގެނެސްދޭ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ޖުނައިދު ޚާން ފިލްމު "މަހާރާޖް"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ލަވް ޓުޑޭ"ގެ ރިމޭކްއެކެވެ. ނަމަވެސް، މި ޚަބަރު އެއްވެސް ޕްރޮޑަކްޝަން ކުންފުންޏަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފިލްމީ އާއިލާއަކަށް ނިސްބަތްވާ މި ދެ ތަރިން އެކީގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ މި ފިލްމަކީ އަންނަ އަހަރު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ.

ފިލްމު "މަހާރާޖް"ގައި ޖުނައިދު ދެއްކި އެކްޓިންގް ހުނަރަށް ބެލުންތެރިންގެ އިތުރުން ކްރިޓިކުން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާއިރު ޚުޝީ ކަޕޫރަކީ ވެސް ވަރަށް އުޖާލާ ކުރިމަގެއް އިންޑަސްޓްރީގައި އޮތް ޒުވާނެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ޖުނައިދަކީ ތިއޭޓަ ޝޯތައް ވެސް ހުށަހަޅައިދޭ އެކްޓަރެކެވެ.

comment ކޮމެންޓް