ހުޅުމާލޭ ޕޮކެޓް ޕާކިން ޒޯންތަކުން 1،300 ޕާކިން ޖާގަ ކުއްޔަށް ދެނީ

އެޗްޑީސީ އޮފީސް --- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ "ޕޮކެޓް ޕާކިން" ޒޯނުތަކުން ޕާކު ކުރާނެ ޖާގައަށް އެދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ކުރި އިއުލާނެއްގައިވަނީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ އަށް ޕާކިން ޒޯނަކުން 1،374 ޕާކިން ޖާގަ ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ޕާކިން ޖާގަތައް އެއް އަހަރަށް ކުއްޔަށްދޭއިރު، މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 2،000 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ޕާކިން ޒޯނުތަކުން ޕާކުކުރާނެ ޖާގަ ކުއްޔަށް ހިފާނެ ފަރާތްތައް ކަނޑައަޅާނީ، އެ ޒޯނަކުން ޕާކިން ޖާގައަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިޔަށްގެންދާ ގުރުއަތަކުން ކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޕާކިން ޒޯނުތަކުން ޖާގަ ކުއްޔަށް ހިފުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އެޗްޑީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެ 09:00އިން 14:00އަށް އެޗްޑީސީގެ ރިސެޕްޝަނުން ފޯމު ބަލައިގަންނާނެ ކަމަށެވެ.

ގުރުނަގާނެ ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް ބުނެފައިވާއިރު، އެޗްޑީސީން ބުނީ ގުރުނެގުން އޮންނާނީ ސެންޓްރޯ މޯލް ގްރައުންޑް ފްލޯގައި ކަމަށެވެ.

ހުޅުމާލެއިން ޕާކިން ޖާގަ ކުއްޔަށް ހިފުމަށް ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ ކަމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

comment ކޮމެންޓް