ރާއްޖެއާ ގުޅޭ ފިލްމެއް ހެދުމަށް ހޮލީވުޑާއެކު މަސައްކަތް ފަށައިފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ކްރިއޭޓިވް އިކޮނޮމީގެ ދަށުން ރާއްޖެއާ ގުޅޭ ފިލްމެއް ހެދުމަށް ހޮލީވުޑާއެކު މަސައްކަތް ފަށައިފައި ވާކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އިޝްތިހާރު ކުރުމަށް، ރާއްޖެއާ ގުޅޭ ފިލްމެއް ހެދުމަށް ހޮލީވުޑާއެކު މަސައްކަތް ކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓް ކުރުން ޕްރޮމޯޓް ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާކަމަށެވެ. އެގޮތުން، ކްރިއޭޓިވް އިކޮނޮމީ ނުވަތަ ފަންނުވެރިންނާއި އުފެއްދުންތެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒުތަކަށް ވާސިލްވުމަށް، ހޮލީވުޑާ ގުޅިގެން ރާއްޖެއާ ގުޅޭ ފިލްމެއް ހެދޭނެ ގޮތެއް އެބައޮތްތޯ ބަލާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޓީއެއް ފޮނުވިން ފައިންޑިން ނީމޯ ސްޓޯރީ ލިޔުއްވި ފަރާތަށް. އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓާޓްއަޕް ކުންފުންޏަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން އެބޭފުޅުން ރާއްޖެ އައިސް ވަރަށް ގިނަ ބަޔަކާ ބައްދަލު ވެސް ކޮށްފައި ވަނީ،" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކުންފުނިން ރާއްޖެއަށް ދެވަނަ ދަތުރެއް ކުރުމަށް ވެސް ހަމަޖެހިފައި ވާކަމަށެވެ.

އެ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް ދައްކުވައިދެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއަކީ ދައުލަތް ދަންނަ ދާއިރާއަކަށް ހެދުމަށް ރައީސް މަސައްކަތް ކުރައްވާކަމަށެވެ. އެގޮތުން، ކްރިއޭޓިވް އިކޮނޮމީ ހަބު އިމާރާތް ކުރުމުގެ މަސައްކަތް ބީސީސީން ކުރަމުން އަންނަކަން ސައީދު ފާހަގަކުރެއްވިއެވެ.

ކާޓޫނު ނުވަތަ ފިލްމުގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ޖެހޭކަން މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، މިފަދަ މަސައްކަތެއް ރަސްމީކޮށް ފަށައި، މިއަދާހަމައަށް ވެސް އެއްވެސް ވުޒާރާއަކުން އެކަން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް