ނުރައްކާ އޮތް މިންވަރު ބެލުމަށްފަހު، އިހުސާނުގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން: ރިސްކު ހައިވުމުން މިނިސްޓަރު އިހުސާނުގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފަހު، އޭނާގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެއެވެ.

އާއްމުގޮތެއްގައި ހޯމް މިނިސްޓަރުގެ ސެކިއުރިޓީ ބަލަހައްޓާނީ ފުލުހުންގެ ތެރެއިން އެކަމަށް ޚާއްސަކޮށްފައިވާ ޓީމެކެވެ. ނަމަވެސް އެހެން މިނިސްޓަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ އަބަދުވެސް ސިފައިންނެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާތު ވިދާޅުވީ، އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވީ "ތްރެޓް އެސެސްމަންޓް"އެއް ހެދުމަށް ފަހު، ރިސްކު މަތިވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް ނުރައްކާ އިތުރުވީ ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

ރިސްކް އެސެސްމަންޓަކީ މިނިސްޓަރުންނަށް އެއްވެސް ކަހަލަ ނުރައްކަލެއް އޮތްތޯ ބެލުމަށްޓަކައި ދޭތެރެއަކުން ހަދާ އެސެސްމަންޓެކެވެ.

ހޯމް މިނިސްޓްރީގެ ދަށުން މުހިންމު ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށާއި ގޭންގު ކުށްތައް ހުއްޓުވުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

މީގެ އިތުރުން އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އޮޕަރޭޝަންތަކުގެ ތެރޭގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ކުރިއަށްގެންދާ 'ކުރަނގި' އޮޕަރޭޝަން ހިމެނެއެވެ.

comment ކޮމެންޓް